News

ފޯކައިދޫ އަތުން މޮޅުވެ 14 ޕޮއިންޓްގެ ލީޑަކާއިއެކު މާޒިޔާއިން ދެވަނަ ބުރު ނިންމާލައިފި

4 ޖެނުއަރީ 2020






ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗު 3-2ގެ ނަތީޖާ އަކުން ފޯކައިދޫ އެފްސީ ބަލިކޮށް ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓްގެ ލީޑަކާ އެކު މާޒިޔާ އިން ދެ ވަނަ ބުރުގެ މެޗުތައް ނިންމާލައިފި އެވެ.

މިރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މިމެޗްގައި ފުރަތަމަ ގޯލްޖެހީ މާޒިޔާއިންނެވެ. މާޒިޔާ އިން ލީޑުނެގީ މެޗުގެ 15 ވަނަ މިނިޓްގައި ކޯނޭ ޖެހި ރީތި ގޯލުންނެވެ. އޭރިއާބޭރުން ކޯނޭ ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ފޯކައިދޫގެ ގޯލުގައި ހުރި ޕާކިސްތާނުގެ ކީޕަރު ހަނީފް ސާގިބުގެ އަތްމަތިން ގޮހެވެ.

ފުރަތަމަ ހާފުގައި ފޯކައިދޫން ވެސް ވަނީ ފުރުސަތުތަކެއް ތަނަަވަސްކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ފޯކައިދޫގެ ކެޕްޓަން ހުސެއިން ފަޒީލާއި ކުރިއަށް ކުޅުނު ފޯވާޑް ހަސަން ފުވާދު (ޖެކް) އަށް ލިބުނު ބޯޅަތައް ރަނގަޅަށް ފޮނުވާނުލެވުނެވެ. ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. އަހުމަދު އަމްޖަދު ކޯނަރަކުން ނަގައިދިން ބޯޅަ ފަޒީލް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ މާޒިޔާ ކީޕަރު އޮވޭސް އަޒީޒީ އަތުގައި ޖެހިފަ އެވެ. ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ ޖެހިޖެހިގެން ލިބުނު ތިން ވަނަ ކޯނަރުގަ އެވެ.

މާޒިޔާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 64 ވަނަ މިނިޓްގައި އަސަދުﷲ ޖެހި ގޯލުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ބޯޅަ އަސަދުﷲ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ފޯކައިދޫގެ ދެ ވަނަ ގޯލަކީ މާޒިޔާ ކީޕަރު އަޒީޒީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފޯކައިދޫގެ މުހައްމަދު އިންޝާއު ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައި ކީޕަރު އަޒީޒީ ގައިގައި ޖެހިފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ފޯކައިދޫން ވަނީ މާޒިޔާ ހިފަަހައްޓައިފަ އެވެ. 

މާޒިޔާ އަށް 16 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް މާދަމާރޭ ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުގެ ތިން ޕޮއިންޓާ އެކު 15 މެޗުން 30 ޕޮއިންޓް ހަމަވާނެ އެވެ. އީގަލްސް މާދަމާރޭ ކުޅެންޖެހޭ މެޗު އޮތީ ވިކްޓްރީއާ ދެކޮޅަށެވެ. ވިކްޓްރީ ސަސްޕެންޑްކޮށްފައިވާތީ އެ ޓީމު ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުތަކުން އިދިކޮޅު ޓީމުތައް މޮޅުވާނެކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

DPL2019-20 Foakaidhoo Sports Club Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.