News

ފޯކައިދޫ އެފްސީގެ ވައިސްކެޕްޓަން އޮގީ އަނިޔާގެ ސަބަބުން ދުވަސްކޮޅަކަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ

2 ޖެނުއަރީ 2020






ފޯކައިދޫ އެފްސީގެ ވައިސް ކެޕްޓަން މުހައްމަދު ޖައިލަމް(އޮގީ) އަށް އަނިޔާވެ 8 މަސް ނުވަތަ 10 މަސް ދުވަހަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. 

ދިވެހި ޕްރިމިއަރ ލީގުގައި ފޯކައިދޫއާއި އީގަލްސް ބައްދަލު ކުރި މެޗްގައި އޮގީއަށް އަނިޔާވެ އޭނާވަނީ މެޗްގެ ވަކި ހިސާބަކުން ބަދަލުކޮށްފައެވެ. ފޯކައިދޫ އެފްސީން ބުނީ އޮގީގެ ކަކުލަށް ލިބިފައިވަނީ އޭސީއެލް އިންޖަރީ އެއްކަމަށެވެ. އެހެންކަމުން އޮޕަރޭޝަނަށް ފަހު ދުވަސްކޮޅެއް ނަގާނެކަމަށް އެޓީމުން ބުންޏެވެ. 

މިއަހަރު އޮގީވަނީ ފޯކައިދޫ އެފްސީ އަށް މޮޅު ކުޅުމެއް ކުޅެދީ ގައުމީ ޓީމުން ޖާގަ ހޯދާފައެވެ. އޮގީ އެންމެ ފުރަތަމަ ވިދާލީ ބީޖީ ސްޕޯޓްސް އިންނެވެ. އަދި އޭގެފަހުން ވިކްޓްރީ އަދި އީގަލްސް އަށް ވަނީ ކުޅެފައެވެ. އޭގެ ފަހުން އޮގީ ބޮޑަށް ވިދާލީ މާޅޮސް ފުޓުބޯޅަ ޓީމުންނެވެ. އެއަށްފަހު މިއަހަރު ފޯކައިދޫ އަށް ބަދަލުވެ އޮގީ ވަނީ އެޓީމަށް މޮޅުކުޅުމެއް ކުޅެދީ ގައުމީ ސީނިޔަރ ޓީމުން ޖާގަ ހޯދާފައެވެ. 

އަދި އޮގީ ވަނީ ގައުމީ 19 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ކަމާއި 21 އަހަރުން ދަށުގެ ކެޕްޓަންކަން ކޮށްފައެވެ. 

އޮގީގެ އިންޖަރީއާއި ބެހޭގޮތުން ސުވާލުކޮށްލުމުން ފޯކައިދޫ އެފްސީގެ ކޯޗް އަލީ ނިސްތާރު މުހައްމަދު ބުނީ އޮގީ އަކީ އެފްއެފްސީގެ އެއް ލީޑަރު ކަމަށެވެ. 

" އޮގީ އަކީ ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ވެސް އެންމެ ކޮމިޓެޑް އެއް ޕްލެޔަރ. އެއީ ޓީމުގެ ވައިސް ކެޕްޓަން އަދި އެންމެ 20 އަހަރު ވިޔަސް އެންމެ މެޗުއަރ އެއް ޕްލެޔަރ. އެހެންވީމަ އޭނަ އިންޖަރީ ވުމަކީ ވަރަށް ދެރަވި ކަމެއް." ނިސްތާރު ބުންޏެވެ. 

ނިސްތާރު އިތުރަށް ބުނީ އޮގީ އިންޖަރީ ވުމަކީ ފޯކައިދޫ އަށާއި އަދި ގައުމަށް ލިބުނު ދެރައެއްކަމަށެވެ. 

މިއަހަރުގެ ސީޒަނުގައި ފޯކައިދޫ އިންވަނީ ބޮޑެތި ކްލަބްތަކަށް ރަނގަޅު ފައިޓެއްދީފައެވެ. އެގޮތުން ބައެއް ބޮޑެތި ކްލަބްތަކާއި އެއްވަރުކޮށް އަދި ބައެއް މެޗް ތަކުން މޮޅުވެފައިވެއެވެ. ފޯކައިދޫ އިން ސީޒަން ނިންމާލީ ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ. 

DPL2019-20 Foakaidhoo Sports Club

Leave a Comment:

Comments will be published after moderation.