News
19 އަހަރުން ދަށުގެ ޤައުމީ ޓީމު ދެވަނަ ޑިވިޝަނަށް ނިކުންނަނީ،ޓީމުގެ ޓްރަޔަލްތައް މިރޭ ފަށައިފި
31 ޑިސެންބަރު 2019
އަންނަ ޖަނަވަރީ މަހުގެ ފަހު ކޮޅު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 19 އަހަރުން ދަށުގެ ޤައުމީ ޓީމު ބައިވެރިވާން ނިންމައި ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށައިފިއެވެ.
ފަރިތަކުރުންތަކުގައި ފުރަތަމަ ދާނީ ޓީމާއި އަލަށް ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ބާއްވާ ޓްރަޔަލް ފަރިތަކުރުންތަކެއްގެ ގޮތުގައެވެ. އެފް.އޭ ގެ ފޭސްބުކް ޕޭޖްގައި އިއުލާން ކޮށްފައިވާގޮތުން މިރޭ 19:00 އިން ފެށިގެން އެފް.އޭ.އެމް 1ނަންބަރު ޓާރފް ދަނޑުގައި ޓްރަޔަލްތައް ކުރިއަށް ދާނެއެވެ.
މިއަހަރު ނޭޕާލްގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އިން ބްރޯންޒް މެޑަލް ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމުން ހޯދުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަމުން އެފް.އޭ.އެމް ރައީސް ބައްސާމް އަދީލް ޖަލީލް ބުނެފައިވަނީ މިއަހަރުގެ 2 ވަނަ ޑިވިޝަނުގައި އެ ޓީމު ވާދަކުރާނެކަމަށެވެ. ބޭނުމަކީ ޒުވާން ކުޅުންތެރިންނަށް ވާދަވެރި އިތުރު މެޗުތަކެއް ހޯދައިދިނުން ކަމަށެވެ.
މައުލޫމާތު ލިބޭގޮތުން ޖަނަވަރީ މަހުގެ ފަހު ކޮޅު އެފް.އޭ.އެމް އިން ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ދެވަނަ ޑިވިޝަންގެ މުބާރާތައް މިހާރުވެސް ގިނަ ޓީމުތަކުން ފަރިތަކުރުންތައް އެބަ ކުރިއަށްގެންދެއެވެ. މީގެ ތެރޭގައި ދިވެހި ސިފައިންގެ ކްލަބް، ޖޭޖޭ ސްޕޯޓްސް، ކްލަބް ވެލެންސިއާ، ބީ.ޖީ. ސްޕޯރޓްސް ގެ އިތުރުން ކުޑަ ހެންވޭރު ސްޕޯރޓްސް އިންވެސް ވަނީ މިހާރު ފަރިތަކުރުންތައް ފަށާފައެވެ.