News
ފޯކައިދުއާއި ދަ ގްރާންޑޭގެ މެޗް އެއްވަރު
27 ޑިސެންބަރު 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ އާއި ށ. ފޯކައިދޫ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މިމެޗުގައި ޖުމްލަކޮށް ރަނގަޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ދަ ގްރާންޑޭ އިންނެވެ. އެ ޓީމުގެ އޮބައިދޫ ކަދޫމް އަށް ފުރަތަމަ ހާފުގައި ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. ފޯކައިދޫން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް ހޯދި އެވެ.
އެކަމަކު މެޗުގެ ފަހުބައިގައި އަނެއްކާ ވެސް ފެނިގެން ދިޔައީ ދަ ގްރާންޑޭގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން ފެށިތަނެވެ. އެގޮތުން ފަހު 10 މިނެޓުގައި އެ ޓީމަށް ނުރައްކާތެރި ހަތަރު ފުރުސަތު ލިބި ބޭކާރުވި އެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ޓީމު އޮތް ހާލަތަށް ބަލާއިރު ކުޅުންތެރިން ކުރި މަސައްކަތަށް ސާބަސްދޭ ކަމަށާއި ޓީމު ހަމަކުރުމަކީ މިވަގުތު ކުރިމަތިވެފައިވާ ބޮޑު ޗެލެންޖެއް ކަމަށެވެ. ނިސްތާރު ބުނީ އިއްޔެގެ މެޗަށް ވެސް ބައެއް ކުޅުންތެރިން އައީ ރަށުގައި ތިބެފައި ކަމަށެވެ. އަދި މެޗަށް ފަހު އަނެއްކާ ވެސް އެކުޅުންތެރިން ފުރާނެ ކަމަށް ނިސްތާރު ބުންޏެވެ.
ޓީމު އެހާލަތުގައި އޮތްވާ ފޯކައިދޫ އިން ވަނީ އެޓީމް އެންމެ ފަހުންކުޅުނު މެޗުން އީގަލްސް 3-2 ގެ ނަތީޖާ އަކުން ބަލި ކޮށްފައެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ޓީމުގެ ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭކަމަށާއި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށެވެ. ބައިވަރު ސްކޯރިން ފުރުސަތު ލިބި އެކަން ނުކުރެވުމާ އެކު އެކަން ރަނގަޅު ކުރަން ފައިނަލް ތާޑުގައި އިތުރަށް ކުޅުންތެރިން ސަމާލުވާން ޖެހޭ ކަމަށް އިންމަ ބުންޏެވެ.
މި ދެޓީމް ލީގުގައިގެ ފުރަތަމަ ރައުންޑްގައި ކުޅުނު މެޗް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ދަ ގްރާންޑޭއެވެ.
މި މެޗުން ދެ ޓީމަށް ލިބުނު ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި ފޯކައިދޫ އޮތީ 20 ޕޮއިންޓާއެކުގައެވެ. އަދި ދަ ގްރާންޑޭ އޮތީ ފޯކައިދޫއާއި ޖެހިގެން ތާވަލުގެ ހަވަނައިގައި 19 ޕޮއިންޓާއެކުއެވެ.
da grande DPL2019-20 Foakaidhoo Sports Club