News

ދެވަނަ ދައުރަކަށް ބައްސާމް ހޮވައިގެން ފުޓުބޯޅަ ދާނެ ހިސާބު ކްލަބުތަކުން ވިސްނާލަން ރަނގަޅު: ކޯޗް ސޮބާ

20 ޑިސެންބަރު 2019






ދެވަނަ ދައުރަކަށް ބައްސާމް ހޮވައިގެން ފުޓުބޯޅަ ދާނެ ހިސާބު ކްލަބުތަކުން ވޯޓު ދިނުމުގެ ކުރިން ވިސްނާލަން ރަނގަޅު ކަމަށް ކޯޗް މުހައްމަދު ސޮބާހް (ސޮބާ) ބުނެފިއެވެ.

ރާއްޖޭގެ ގައުމީޓީމަށް ކުޅެ އެންމެ ފުރަތަމަ ރާއްޖޭގެ ފުޓުބޯޅަ ޓީމް ރަން މެޑަލް ހޯދި ޓީމުގައި ހިމެނުނު އަދި މިހާރު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ސޮބާ އޭނާގެ ފޭސްބުކް ގައި ބައްސާމްއަށް އިޝާރާތްކޮށް ބުނެފައިވަނީ އިލެކްޝަން ކައިރިވީމަ ތަންކޮޅެއް މަސައްކަތް ގިނަވެއްޖެ ކަމަށާއި ވާހަކަވެސް ގިނަ ވެއްޖެ ކަމަށެވެ. އަދި ޓްވާޑްސް ފިއުޗަރއޭ ބުނެ ހަދަން މިއުޅެނީ ކިހިނެއްކަން ސޮބާ ވަނީ ސުވާލު އުފައްދާފައެވެ. 

" ލަންކާ އާއިއެކު ކުޅުނަސް އެއްވަރު. ބޫޓާން އާއި ކުޅުނީމަ ބަލި. ކާކުތޯ މިކަން ގަބޫލުކުރަނީ" ސޮބާ ބުނެފައިވެއެވެ.

އެ ސްޓޭޓަސްގައި އިތުރަށް ބުނެފައިވަނީ ދެން އަންނަ ދައުރަކަށް ބައްސާމް ހޮވުުމުުގެ ކުރިން، ވޯޓުގެ ކުރިން ކްލަބުތަކުން ދިވެހި ފުޓުބޯޅަ އޮތް ހާލަތު ވިސްނާލަން ރަނގަޅުކަމަށެވެ. 

ރާއްޖޭގެ ގައުމީޓީމް ފަހަކަށް އައިސް ހޯދަމުންދާ ދައް ނަތީޖާގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެފްއޭއެމް އާއި ބައްސާމް އަށް ވަނީ އަމާޒުވެފައެވެ. 

އެގޮތުން ރާއްޖޭގެ ތަޖްރިބާކާރު ކޯޗް ގްރީން ސްޓްރީޓްގެ މިހާރުގެ ކޯޗް އަލީ ސުޒައިން ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތީ ވަރަށް ގޯސް ފައްތަރަކަށް ވެއްޓި، އައިސީޔޫގައި ކަމަށެވެ. 

އެފްއޭމްގެ ކުރީގެ ރައީސް ވެސްވަނީ ބައްސާމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "ދިވެހި ފުޓުބޯޅަ ވަޅުލާ ފަސްއެޅުމުގެ ޕްރޮގްރާމްތަކެއް ޝަވީދު (އޮލިމްޕިކް ކޮމިޓީ ރައީސް) އާއި ދެމީހުންވެގެން ހިންގަމުން ތިޔަޔަދަނީ. ދިވެހި ފުޓްބޯޅައިގެ ކަރުގައި ހިފައި އެ މަރާލެވޭތޯ ކުރާ މަސައްކަތުން ދެއަތް ދޫކޮށްލާ. ފުޓުބޯޅަ ދެކެ ލޯބިވާ މީހުން އެތިބަ ރޮނީ،" ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން ކުރީގެ ފުޓުބޯޅަ ލެޖެންޑުން ހިމެނޭ ވައިބަރ ގުރޫޕެއްގައި ކޯޗުންނާއި ކުރީގެ ކުޅުންތެރިން ދަނީ ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތަށް ދިޔުމުގެ ޒިންމާ ބައްސާމް އާއި ޝަވީދު ނަގަން ޖެހޭކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. 

FAM

Leave a Comment:

Comments will be published after moderation.