News

ކޮނޭލިއަސް ސްޓެވާޓްގެ ހެޓްރިކާއި އެކު ގްރީން އަތުން މާޒިޔާ އަށް ބޮޑު މޮޅެއް

16 ޑިސެންބަރު 2019






މެދުކަނޑާލުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު އަލުން ފެށިއިރު، މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓްގެ ހެޓްރިކާއި އެކު 6-1ގެ ނަތީޖާ އަކުން މާޒިޔާއިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ. 

މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ގްރީން ސްޓްރީޓުންނެވެ. މިގޯލް އެޓީމަށް 21 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަމިއްލަ ހާފުން ބިދޭސީ މިޑްފީލްޑަރު މުހައްމަދު ސަލާހް ދިން ބޯޅަ ދަގަނޑޭ އަށް ލިބުމުން ކައިރީގައި ހުރި އަބްދުﷲ ހަނީފް ކައިރިން  ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަނީ ތިރިތިރިން ގޮހެވެ. ގްރީން ސްޓްރީޓްސް އިން ގޯލު ޖަހާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ސްޓެވާޓްވަނީ ދެ ގޯލު ޖަހައި މާޒިޔާ އަށް ލީޑު ނަގައިދީފައެވެ. 

މެޗުގެ ދެ ވަނަ ހާފް ފަށައިގެން ފަސް ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް ލިބުނު ޕެނަލްޓީއެއް ދަގަނޑޭ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިންނެވެ. މިއީ ސަލާހަށް މާޒިޔާގެ ގޯލްކީޕަރު އުވޭސް އަޒީޒީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ނާކާމިޔާބުވެ އިރުކޮޅެއް ފަހުން ދަގަނޑޭ ފޮނުވާލި ހަމަލާއެއް ވަނީ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ.

ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު ދެން ފެނުނީ މާޒިޔާއިން ހަތަރު ގޯލު ޖަހައި ލީޑު ފުޅާކުރިތަނެވެ. މި ހަތަރު ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަސަދުﷲ އަބްދުﷲ އަދި ސްޓެވާޓް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އެވެ. މާޒިޔާގެ ފަހު ގޯލު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ އިއްބެ ވަހީދު އެވެ.

މިއަދުގެ މޮޅާއެކު މާޒިޔާއަށް ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެޓީމަށް ލީގުގައި ކުޅުނު 13 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ކްލަބް އީގަލްސްއަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. މިއަދުގެ މެޗުން ބަލިވި ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތީ 12 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވެ.

ލީގުގެ ކުޅުން އަލުން ފެށިއިރު ވިކްޓްރީ ސްޕޯޓްސް ކްލަބް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެހެންވެ ދެން ލީގުގައި ވާދަކުރާނީ އަށް ޓީމުންނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫ ސްޕޯޓްސް ކްލަބް އެވެ. މިރޭގެ މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ. 

Club Green Streets FAMU21-19/20 Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.