News

ކުރީގެ ކްލަބްތައް އަނެއްކާވެސް ފެނިދާނެ ކަމުގެ އިޝާރާތެއް!

16 ޑިސެންބަރު 2019






ފުޓުބޯޅައިގެ ހާލަތު ދަށަށް ގޮސް ބޮޑެތި ކްލަބްތައް ވަޅުޖެހިގެން ދިޔަތާ ދުވަސްކޮޅެއްވެއްޖެއެވެ. ނިއުރޭޑިޔަންޓާއި ވެލެންސިއާއެވެ. ބީޖީ، ހުރާ، އޭވައިއެލް އަދި ދިވެހި ސިފައިންގެ ކްލަބުވެސް ފުޓުބޯޅައިގައި ދުވަސްކޮޅަކު ފިޔަ ޖެހުމަށްފަހު ގެއްލުނީއެވެ. އެންމެ ފަހުން ބޮޑު ތާރީޚެއް އޮތް އެއް ކުލަބު ކަމުގައިވާ ވިކްޓްރީވެސް ނެތި ދިޔައީއެވެ. 

މިހުރިހާ ކްލަބު ތަކަށްވެސް ކުރިމަތިވީ ދާދި އެއް ކަހަލަ މައްސަލަތަކެކެވެ. މާލީ މައްސަލަތަށް ދިމާވެ ގިނަ ކްލަބު އިނދަޖެހުނީއެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވި އެކި ސަސްޕެންޝަން ތަކާއި ގުޅިގެން އިތުރަށް ކްލަބުތައް ދަރަނިވެރި ވީއެވެ. އެހެން ނަމަވެސް އަނެއްކާވެސް މީގެ ތެރެއިން ބައެއް ކުލަބުތައް ފެނިދާނެ ކަމުގެ ކުލަވަރު ތައް ފެންނަން ފަށައިފިއެވެ. މިއީ ދިވެހި ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ފަރާތް ތަކުން ފެންނަން ބޭނުންވާނެ މަންޒަރެއްކަން ގައިމެވެ. 

އިސްމާޢިލް އާސިފް (ކުޑަ ހީނާ) އާއި އެކު ކްލަބް ވެލެންސިއާ ދެވަނަ ޑިވިޝަންގެ ފަރިތަކުރުންތައް މިވަނީ ފަށައިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަނަވަރީ މަހުގެ ފަހު ކޮޅު އެފް.އޭ.އެމް އިން ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ދެވަނަ ޑިވިޝަންގެ މުބާރާތައް ވެލެންސިއާ ފަރިތަކުރުންތައް ފަށާފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއްކުރިންނެވެ.

ވެލެންސިއާާގެ ކުރީގެ ކުޅުންތެރިއާ އަދި ކޯޗް، ކުޑަ ހީނާއާއި އެކު މީގެ ކުރިންވެސް ވެލެންސިއާއަށް ކުޅެފައިވާ ބައެއް ކުޅުންތެރިން މިފަހަރު ވެލެންސިއާއިން ފެނިގެންދާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ވެލެންސިއާގެ އިތުރުން ދިވެހި ސިފައިންގެ ކްލަބް އަދި ބީ.ޖީ ސްޕޯރޓްސް ވެސް މިހާރު ވަނީ ދެވަނަ ޑިވިޝަންގެ ފަރިތަކުރުންތައް ފަށާފައެވެ.

މި ކުލަބު ތައް އަލުން ފުޓުބޯޅައިން ފެނިގެން ދިއުމަކީ ފުޓުބޯޅަ އަށް ލިބޭނެ ކުރިއެރުމެކެވެ. ކުރިން ހުރި ދަރަނިތައް އަދާކޮށް ނިއުރޭޑިއަންޓް އަދި ވިކްޓްރީ ވެސް ދިވެހި ފުޓުބޯޅަ އިން އަދި ފެންނާނެ ކަމުގެ އުންމީދު ގިނަބަޔަކު ކުރާނެކަން ޔަގީނެވެ. 

މި ކްލަބްތަކަކީ ދިވެހި ފުޓުބޯޅަ މިޖީލަށް ވާސިލް ކޮށްދިނުމުގައި ބޮޑު އަދި އަގުނުކުރެވޭވަރުގެ މަސައްކަތްތަކެއް ކޮށްދީފައިވާ ކްލަބްތަކެކެވެ. މިކްލަބްތައް ބާރުވެރިކޮށް ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް އެންމެން ގުޅިގެން އެއްްގަލަކަށް އަރައި ބޮޑު ބިޔަަ މަސައްކަތްތަކެއް ކުރަން ވެއްޖެއެވެ. 

 

BG Sports Club Valencia

Leave a Comment:

Comments will be published after moderation.