News

މެދުކެނޑުމަކަށްފަހު މާޒިޔާ އާއި ގްރީންގެ މެޗުން މިއަދު ހަވީރު ލީގު ފަށަނީ

16 ޑިސެންބަރު 2019






ބޮޑު މެދުކެނޑުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާއި ކްލަބް ގްރީންސްޓްރީޓްސްގެ މެޗުން މިއަދު ހަވީރު ދިވެހި ޕްރިމިއަރ ލީގު ފަށާނެ އެވެ.

 

މި ސީޒަނުގައި ހަތަރު ވަނަ ފަހަރަށް ލީގު މެދުކަނޑާލީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މަހު ފިލިޕީންސް އާއި ގުއާމާ ދެކޮޅަށް ގައުމީ ސީނިއާ ޓީމުން ކުޅުނު މެޗުގެ އިތުރުން މި މަހު އޮތް ސައުތު އޭޝިއަން ގޭމްސް އަށް 23 އަހަރުން ދަށުގެ ޓީމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހަށް ލީޑު މެދުކަނޑާލައި އަލުން މިއަދު ހަވީރު ފަށާއިރު މާޒިޔާ އާއި ގްރީން ވާދަކުރުމަށް ފަހު މިރޭ އޮންނާނީ ޓީސީ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބުގެ މެޗެވެ. އަދި އަންގާރަ ދުވަހު ހަވީރު އޮންނާނީ ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީގެ މެޗެވެ.

އިއްޔެބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލީގުގެ އެއްވަނައިގައި ބޮޑު ލީޑްއަކާއި އެކު އޮތް މާޒިޔާގެ ކޯޗް މަރުޖާން ސްކުލޮސްކީ ބުނީ މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށައިގެން އެހާ ގާތްގާތުގައި ބޮޑެތި ބްރޭކްތަކެއް ނެގުމުގެ ސަބަބުން ކުޅުންތެރިންނަށް ގެއްލުން ވަރަށް ބޮޑުކަމަށެވެ. ގާތްގަނޑަކަށް ފަންސާހަކަށް ދުވަހަށް ފަހު އަލުން މިއަދު ހަވީރު ލީގުގެ ކުޅުން ފަށާއިރު މާޒިޔާގެ ކޯޗު ސެކުލޮސްކީގެ ބުނީ މި ބްރޭކްތަކުގެ ގެއްލުން ހީ ނުކުރާ ވަރަށް ބޮޑު ކަމަށެވެ. އަދި ބްރޭކްތަކުގެ ސަބަބުން ލީގުގެ ފެންވަރަށް ވެސް އަސަރުކުރާނެކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ. އަދި އޭނާގެ ނަޒަރުގައި މި ކަމަށް އޮތް ހަމައެކަނި ހައްލަނީ އަހަރެއްގެ ތެރޭގައި އެންމެ ބްރޭކެއް ގެނެސްފައި ލީގު ކުރިއަށް ދިއުން ކަމަށް ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އެކު މިއަދު ބައްދަލުކުރާ ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒައިން ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތީ ވަރަށް ގޯސް ފައްތަރަކަށް ވެއްޓި، އައިސީޔޫގައި ކަމަށެވެ. 

"މި ވަގުތު ދިވެހިރާއްޖޭގެ ފުޓްބޯޅަ މި އޮތީ އައިސީޔޫގައި. އޮތްއިރުގައި ގްރީން ސްޓްރީޓްސްގެ ހާލަތެއް ބަލާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ. ރަށަކަށް ބޮން އަޅައި އެ ރަށް ފުނޑުފުނޑުވީމަ އެ ރަށުގައި އުޅޭ އަހައްމަދު ކިޔާ ކުއްޖެއްގެ ހާލެއް ނޫން ބަލާނީ. ޖުމްލަކޮށް އެ ރަށަށް ލިބުނު ގެއްލުމާއި ބޮޑެތި ކަންތައްތައް ބަލާނީ. އެ ގޮތަށް ބަލާއިރު އެ ވަރުގެ ގެއްލުމެއް ފުޓްބޯޅަ އަށް ލިބޭއިރު ގްރީން ސްޓްރީޓްސް ވެސް އޮންނާނީ ހާލުގައި،" ސުޒޭން ބުންޏެވެ.

ލީގު އަލުން ފަށާއިރު މާޒިޔާ އޮތީ ބޮޑު ލީޑެއްގައި ތާވަލުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑަކާ އެކުއެވެ. އެ ޓީމު އޮތީ ފުރަތަމަ 12 މެޗުން 29 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލުގެ ދެ ވަނައިގައި 21 ޕޮއިންޓާ އެކު ކްލަބް އީގަލްސް އޮތްއިރު ތިން ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ގްރީން އެވެ. އަދި ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު ޓީސީ އެވެ.

Club Green Streets DPL2019-20 Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.