News

ރާއްޖޭގެ ފިރިހެން ފުޓުބޯޅަ ޓީމް ކުޅުނު ދެވަނަ މެޗުންވެސް އެއްވަރުވެއްޖެ

3 ޑިސެންބަރު 2019






ނޭޕާލް ގައި މިހާރު ކުރިޔަށްދާ ސާފް ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް ކުޅުނު ދެވަނަ މެޗުން ވެސް އެއްވަރު ވެއްޖެއެވެ. މިއަދު ރާއްޖެ އެއްވަރުވީ ބަންގުލަދޭޝްގެ ގައުމީ ޓީމާއި ކުޅެ 1-1 ނެވެ.

ފުރަތަމަ ހާފުގައި ރާއްޖޭން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް މިއަދު ވެސް ދިމާވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ މައްސަލަ އެވެ. ބަންގްލަދޭޝް ޓީމުން ބޮޑަށް ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅުނުއިރު އެޓީމުން ދިޔައީ ލިބޭ ފުރުސަތުތަކުގައި ރާއްޖެއަށް ނުރައްކާ ކުރަމުންނެވެ. މެޗުގައި ބަންގްލަދޭޝަށް ލީޑު ލިބުނީ ރާއްޖޭގެ އަކްރަމް އަބްދުލްގަނީ (އަކޫ) އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ބަންގްލަދޭޝްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފް (ހުސެން) އަތުގައި ޖެހިފައި ގޯލަށް ވަނީ އަކްރަމްގެ ގައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފަށް ރާއްޖޭގެ ޓީމު ނުކުތީ އޮގީގެ ބަދަލުގައި ހަންނަ ހިމަނައިގެންނެވެ. މި ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތީ ކަނާ ދިމާއިން ބޭރަށެވެ. ދެ ވަނަ ހާފުގެ 14 ވަނަ މިނެޓުގައި ރާއްޖޭގެ ދާދު ފޮނުވާލި ބާރު ބޯޅަ ބަންގްލަދޭޝް ޓީމުގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ފޭދޫ އިއްބެ ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ދެ މިނެޓު ފަހުން ހަންނަ އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ.

ރާއްޖޭގެ ޓީމަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ދާދުގެ އެހީތެރިކަމާއެކު ފޭދޫ އިއްބެ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ދާދު އޭރިޔާ ވަދެފައި ފޭދޫ އިއްބެއަށް ޖައްސާލި ބޯޅަ ފޮނުވާލުވުމުން ވަނީ ގޯލުގެ އަރިމަތީ ކަނަށެވެ. މި ގޯލަށް ފަހު ރާއްޖޭން ވަނީ ބޮބީގެ ބަދަލުގައި މުހައްމަދު ސާމިރު ކުޅެން އަރުވައިފަ އެވެ. ސާމިރު އެރުމަށް ފަހު އަރިމަތިން ނަގައިދިން ފުރަތަމަ ހުރަސް ހަންނަ ބޮލުން ޖެހުމުން ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ދާދު ފޮނުވާލުމުން ދިޔައީ ކީޕަރު އަތަށެވެ. އޭގެ މިނެޓެއް ފަހުން ސާމިރު ނަގައިދިން ހުރަސް އަކްރަމް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ފޭދޫ އިއްބެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ލަންކާ އާއި ކުޅެ ރާއްޖެ އެއްވަރުވީ 0-0 ގެ ނަތީޖާ އަކުންނެވެ. މިއަދުގެ މެޗުން އެއްވަރުވުމުން ދެ މެޗުން ރާއްޖެއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މިއަދު މެންދުރު އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅުނު މެޗުގައި ނޭޕާލުން ވަނީ 4-0 އިން ބޫޓާން ބަލިކޮށްފަ އެވެ. މިހާތަނަށް ހަތަރު މެޗު ކުޅުނުއިރު ނޭޕާލާއި ބޫޓާނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެކަމަކު މިއަދުގެ ބޮޑު މޮޅާއެކު ފައިދާ ގޯލު ގިނަވުމުން އެއް ވަނަ ލިބެނީ ނޭޕާލަށެވެ. ދެ ވަނައިގައި އޮތް ބޫޓާނަށް ތިން ޕޮއިންޓް ލިބުނީ އެއް މެޗުންނެވެ. ރާއްޖެ ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތް ބަންގްލަދޭޝާއި ފުލުގައި އޮތް ލަންކާ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

 

 

Maldives National Team

Leave a Comment:

Comments will be published after moderation.