News

ފުރަތަމަފަހަރަށް ބޮޑު މުބާރާތެއްގައި ރެފްރީކަން ކޮށް މަރީ ތާރީޚްގެ ތެރެއަށް

29 ނޮވެމްބަރު 2019






ރާއްޖޭގައި މުޅިން އަލަށް ބޮޑު މުބާރާތެއްގައި ރެފްރީކަން ކުރި އަންހެން ރެފްރީގެ ގޮތުގައި ތާރީޚުން މަރިޔަމް އަހްމަދު (ޖެސީ/ މަރީ) ޖާގަ ހޯދައިފިއެވެ. 

ކ. ގުރައިދޫގައި މިހާރު ކުރިޔަށްދާ ފުޓުބޯޅަ މުބާރާތުގެ ރެފްރީކަން ކުރަމުންދާ މަރީ ވަނީ އޭނާގެ ފުރަތަމަ ބޮޑު މެޗް އިއްޔެ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އަންހެން ރެފްރީއެއް ބޮޑު ފުޓުބޯޅަ ރެފްރީކަން ކުރި ފުރަތަމަ ފަހަރެވެ. 

މަރީ ވަނީ އެފްއޭއެމް އިން ކުރިޔަށްގެންދިޔަ ރެފްރީ ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. މިކޯހުގައި ބައިވެރިވި މީހުގެ ތެރެއިން ފާސްވި ބައިވެރިންގެ ތެރެއިން ރެފްރީކަން ކުރަން ނިކުންނަނީ މަދު ރެފްރީއެކެވެ.

އެގޮތުން އެފްއޭއެމް އިން ކުރިޔަށްގެންދިޔަ 12 އަހަރާއި 14 އަހަރުން ދަށުގެ ލީގުގައި ޖެސީވަނީ ރެފްރީކަން ކޮށްފައެއެވެ. އަދި މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ބޭއްވި ބައެއް މުބާރާތްތަކުގައި ވެސް މަރީވަނީ ރެފްރީކަން ކޮށްފައެވެ. އެގޮތުން ހިންނަވަރާއި ހުރާގައި ބޭއްވި މުބާރާތުގައި މަރީ ވަނީ ރެފްރީކަން ކޮށްފައެވެ. ނަމަވެސް އެއީ ފުޓްސަލް މުބާރާތް ތަކެވެ. 

މަރީ / ޖެސީ ( ފޮޓޯ: ޕްރިސަންސް މީޑިޔާ)

މި ލިބުނު ފުރުސަތާއި ބެހޭގޮތުން ބޯޅަ އެމްވީ އާއި ވާހަކަ ދައްކަމުން މަރީ ބުނީ މިފުރުސަތު އޭނާއަށް ލިބުމުގެ ފަހަތުގައި އެފްއޭއެމްގެ ސީނިޔާ ރެފްރީންނާއި އަދި އޭނާ ނިސްބަތްވާ ވުމަންސް ފުޓްބޯޅަ ކްލަބުގެ ރައީސް މަރިޔަމް މުހައްމަދު( މާޔަން) އަދި ނައިބް ރައީސް އާމިރާ އަލީގެ ނަން ފާހަގަ ކުރާކަމަށެވެ.

" ވަރަށް އުފާވި މިލެވެލްގައި ރެފްރީކަން ކުރާ ފުރަތަމަ އަންހެން ރެފްރީއަށް ވުމުން. ހަގީގަތުގައި އަންހެން ކުއްޖެއް ވިޔަސް ވާނެ މިކަން. އެކުގައި މަސައްކަތް ކުރާ ސީނިޔާ ރެފްރީން ވަރަށް ސަޕޯޓިވް އަދި ވަރަށް ރެސްޕެކްޓް ކުރޭ އަންހެން ރެފްރީއަކަށް ވީމަވެސް. އުއްމީދަކީ މިދާއިރާއިން ދެވެން އޮތް އެންމެ ކުރިޔަށް ދިއުން"

މީގެ ކުރިން ގައުމީ އަންހެންޓީމުގައި ވެސް ހިމެނިފައިވާ މަރީ ބުނީ ކުޅުން ހުއްޓާ ލުމަށްފަހު ފުޓުބޯޅަ އާއި ދުރަށް ދާން ބޭނުން ނުވާތީ ރެފްރީއެއްގެ ގޮތުގައި ފުޓުބޯޅަ އާއިލާގައި މަސައްކަތް ކުރުމަށް ނިންމީކަމަށެވެ. މަރީ ވަނީ އެފްއޭއެމްގެ 14 އަހަރުންދަށުގެ ލީގުގެ ފައިނަލް މެޗްގެ ފުރަތަމަ ރެފްރީކަން ކޮށްފައެވެ.

މަރީ/ޖެސީ 

މަރީ އަށް ލިބިގެން ދިޔަ ފުރުސަތާއި ބެހޭގޮތުން ފީފާ ރެފްރީ އަހްމަދު އަމީޒް ވިދާޅުވީ 16 ވަރަކަށް އަންހެން ރެފްރީން ކޯސް ފުރިހަމަ ކުރިކަމަށާއި ޓްރެއިނިންތަކަށް ނިކުތީ މަރީ އެކަނި ކަމަށެވެ. " އަދި އެންމެ އެކްޓިވް އަންހެން ރެފްރީގެ ގޮތުގައި ވެސް ހުރީ މަރީކަމަށްވުމުން ގުރައިދޫ މުބާރާތް ބާއްވާ މީހުން ރެފްރީންނަށް އެދުމުން އަންހެން ރެފްރީއެއް ފޮނުވިޔަސް އެންމެ ރަގަޅުތޯ އެހުމުން އެމީހުން ބުނި ޑިސްކަސްކޮށްފަ ޖަވާބެއް ދޭނަމޭ. ފަހުން ގުޅާފައި ބުނި އެންމެ ރަނގަޅޭ ފޮނޮވިޔަސް. ދެން މަރީ ގާތުގައި ބުނިން މިކަހަލަ ޗާންސެއް އެބައިނޭ ދާން ބޭނުންހޭ. ބުނީމަ ބުނީ އަމީޒް ސަރ އަށް ތިހާ ކޮންފިޑެންސް އަޅުގަނޑާއި ދޭތެރޭ އޮތިއްޔާ ދާން ތައްޔާރޭ" އެގޮތުން މަރީ އަށް މިފުރުސަތު ލިބުނީ ކަމަށް އަމީޒް ވިދާޅުވިއެވެ. 

މަރީ/ޖެސީ 14 އަހަރުން ދަށުގެ މުބާރާތް ތެރެއިން

އެފްއޭއެމް އިން ވަނީ މިއަހަރު ގިނަ އަދަދެއްގެ އަންހެން އަދި ފިރިހެން ރެފްރީންނާއި ކޯޗުން ތަމްރީންކޮށްފައެވެ.

 

 

FAM

Leave a Comment:

Comments will be published after moderation.