News

އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓު ލީގު އުސޫލަށް ބަދަލުކޮށްފި

29 ނޮވެމްބަރު 2019






13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި އިންޑިއާ ވާދަނުކުރަން ނިންމުމުން މުބާރާތުގައި މިހާރު ވާދަކުރާ ފަސް ގައުމުގެ މެދުގައި ކުޅެން އޮތް ގްރޫޕް ސްޓޭޖުގެ މެޗުތައް ކެންސަލް ކޮށް ލީގު ބުރަށް ބަދަލުކޮށްފި އެވެ.

އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ފަސް ގައުމާއެކު ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރުު ލީގު ބުރަށް ފަހު ފައިނަލަށް ހޮވޭނީ އެންމެ ކުރި ހޯދާ ދެ ގައުމެވެ. މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންދިޔައިރު އިންޑިއާ އާއި ސްރީ ލަންކާއާ އެކު ރާއްޖެ ހިމެނުނީ ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނުނީ ނޭޕާލާއި، ބަންގްލަދޭޝް އަދި ބޫޓާނެވެ. އެހެންނަމަވެސް އިންޑިއާ ވަކިވުމުން ގްރޫޕް ސްޓޭޖުގެ މެޗުތައް މަދުވެ މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ލީގު ބުރެއް ކުޅެން ނިންމައި އާ ޝެޑިއުލެއް އާއްމުކޮށްފަ އެވެ.

މިހާރު އާންމުކޮށްފައިވާ ޝެޑިއުލުގައި ވާގޮތުން ކޮންމެ ގައުމެއް ކޮންމެ ގައުމަކާ ވާދަކުރާ ގޮތަށް ލީގު ބުރު ކުރިއަށްދާނީ ޑިސެމްބަރު ދެ ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު އަށް ވަނަ ދުވަހާއި ހަމައަށެވެ. ލީގު ބުރުން އެންމެ ކުރި ހޯދާ ދެ ގައުމުގެ މެދުގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

މުބާރާތުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ގަޑިން ހަވީރު 16:15 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އަންގާރަ ދުވަހުގެ ހަވީރު 16:15 ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު ތިން ވަނަ މެޗުގައި ޑިސެމްބަރު ފަސް ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 12:15 ގަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ޑިސެމްބަރު ހަ ވަނަ ދުވަހު ރާއްޖޭގެ ޓީމު ނުކުންނާނީ މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށެވެ. މި މެޗު ފަށާނީ އެދުވަހުގެ ހަވީރު ރާއްޖެ ގަޑިން 4:15 ގަ އެވެ. 

ރާއްޖޭގެ ޓީމުގައި ޔޫރަޕްގައި ކުޅެމުންދާ ރާއްޖޭގެ ދެކުޅުންތެރިން ހިމެނިކަމުގައިވީނަމަވެސް އިންޖަރީގެ ސަބަބުން އެއް ކުޅުންތެރިޔަކަށް ވަނީ ޓީމާއި ބައިވެރިވެވޭ ގޮތް ނުވެފައެވެ.  

 

FAM Maldives National Team

Leave a Comment:

Comments will be published after moderation.