News

ނިލަންދޫ އާއި ވިކްޓްރީ އަށް އޭއެފްސީ ކްލަބް ލައިސަންސް ނުލިބުނު

18 ނޮވެމްބަރު 2019






އޭއެފްސީން ބަލާ މިންގަނޑުތަކަށް ނުފެތޭތީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ނުވަ ކުލަބުގެ ތެރެއިން ދެ ކްލަބަކަށް އަންނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ކްލަބް ލައިސަންސް ލިބިފައިނުވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ބުނެފި އެވެ.

 

އެފްއޭއެމް ހައުސްގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ޖެނަރަލް ޖެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ ކްލަބް ލައިސަންސް ނުލިބުނު ދެ ކްލަބަކީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ނިލަންދޫ އެފްސީ ކަމަށެވެ. ކްލަބް ލައިސަންސް ނުލިބުމުން މި އަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނެވެ.

ލައިސަންސް ލިބުނު ކްލަބްތަކަކީ މާޒިޔާ، ޓީސީ، ގްރީން ސްޓްރީޓްސް، އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ފޯކައިދޫ އެވެ. ފޯކައިދޫ އަށް ޝަރުތުތަކާ އެކު ލައިސަންސް ދޭން ނިންމީ އިދާރާ ގޮތުން ފުރިހަމަ ނުވެ ހުރި ކަންތައްތަކެއް ފުރިހަމަ ކުރުމަށް ފަހު އެވެ. 

ޖަވާޒް ވިދާޅުވީ ނިލަންދޫ އަށް ލައިސަންސް ނުލިބުނީ މި ފަހަރު އެ ޓީމުން އަލަށް ކްލަބެއް ރަޖިސްޓްރީކޮށްގެން ފަށާފައިވުމުން ކްލަބްގެ ނަމުގައި ފުޓްބޯޅަ ކުޅުނު އަހަރު މަދުވުމުން ކަމަށެވެ. އެއީ އެޑްމިނިސްޓްރޭޓިވް މައްސަލައެއް ނޫން ކަމަށާއި ނިލަންދޫ އަކީ އެންމެ އުނދަގޫކޮށް އޮވެ ހުރިހާ ކަމެއް ފުރިހަމަ ކުރި ކްލަބްކަން ވެސް ފާހަގަކުރާ ކަމަށެވެ. ނަމަވެސް ވިކްޓްރީ އަށް ލައިސަންސް ނުލިބުނީ އެޑްމިނިސްޓްރޭޓިވް ކަންތައްތަކާއި އެ ނޫން ވެސް ގިނަ މައްސަލަތަކެއް ހުރުމުން ކަމަށް ވިދާޅުވި ޖަވާޒް ވިދާޅުވިއެވެ.

އެފްއޭއެމުން މި އަހަރު ނިންމާފައިވާ ގޮތުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭން ވާދަކުރާނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ އާއި ރަނަރަޕް މާޒިޔާ އެވެ. އެ ދެ ޓީމަށް އެފްއޭއެމުން ވަނީ މި އަހަރު ރާއްޖޭން ބޭރުން ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމުގެ ފުރުސަތު ދީފަ އެވެ.

އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ލައިސަންސް ހޯދަން މި ސަރަހައްދުގެ އެހެން ގައުމުތަކުން ކުރި މަސައްކަތާ ބަލާއިރު ރާއްޖޭން ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. އެ ގޮތުން ރާއްޖޭން ނުވަ ކްލަބުން ހުށަހަޅައިގެން ހަތް ކްލަބަށް ލައިސަންސް ލިބުނުއިރު، އިންޑިއާ އިން 19 ކްލަބަކުން ހުށަހަޅައިގެން ލިބުނީ ހަ ކްލަބަކަށެވެ. ބަންގްލަދޭޝްގެ ހަ ކްލަބަކުން ހުށަހަޅައިގެން ތިން ކްލަބަކަށް ލައިސަންސް ލިބުނުއިރު، ބޫޓާނުން 10 ކްލަބަކުން ހުށަހަޅައިގެން ލިބުނީ ފަސް ކްލަބަކަށެވެ. ނޭޕާލުގެ ކްލަބަކަށް އަދި ލައިސަންސް ނުލިބެ އެވެ.

އޭއެފްސީ ކްލަބް ލައިސަންސް ކަންތައްތައް ފަސޭހަ ކުރުމުގެ ގޮތުން މި އަހަރު މާޗް މަހު އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމީ މި އަހަރު ރާއްޖޭގެ ޕްރިމިއާ ލީގުގައި ކުޅޭ ކްލަބްތަކަށް ދޭ ލޯކަލް ލައިސަންސްގައި ވެސް އޭއެފްސީ ކްލަބް ލައިސަންސްއާ އެއް ފެންވަރަށް ގެންދިއުމެވެ. އެ މަސައްކަތުގަައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގަސްދުގައި ކްލަބްތަކުގެ ކުޅުންތެރިންގެ މެޑިކަލް ހެދުމަށާއި އޮޑިޓް ކުރުމުގެ ކަންތައްތަކަށް އެފްއޭއެމުން މާލީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ.

FAM

Leave a Comment:

Comments will be published after moderation.