News

ރާއްޖޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ފިލިޕިންސް ކުރިހޯދައިފި

14 ނޮވެމްބަރު 2019






ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ރާއްޖެއާއި ފިލިޕިންސް ބައްދަލު ކުރިމެޗް 2-1ގެ ނަތީޖާ އަކުން ފިލިޕިންސް ކުރިހޯދައިފިއެވެ. 

މިއަދުގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި އެއްވަރުގެ ކުޅުމެކެވެ. މާގިނަ ހަމަލާތަކެއް ދެޓީމަށް ވެސް އުފެއްދިފައެއް ނުވެއެވެ. އެގޮތުން ފުރަަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. 

ނަމަވެސް 2 ވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއްނުވެ ފިލިޕިންސް އިން ވަނީ އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައެވެ. މި މެޗްގައި ރާއްޖޭގެ ގޯލް ކީޕަރ މުހައްމަދު ފައިސަލް ވަނީ ފިލިޕިންސް އަށް ލިބުނު ޕެނަލްޓީ މަތަކޮށްފައެވެ. ފައިސަލްގެ ފަރާތުން ވަނީ މި މެޗްގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފިލިޕިންސް އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ މެޗްގެ 53 ވަނަ މިނެޓްގައެވެ. އަދި ދެވަނަ ލަނޑު ފެނިގެން ދިޔައީ 69 ވަނަ މިނެޓްގައެވެ. މި ދެގޯލަކީވެސް ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯހަކުން ލިބުނު ދެފުރުސަތެެވެ. 

ދެވަނަ ހާފްގައި ކުޅެން ނިކުތް އަލީ އަޝްފާގާއި ހަސަން ނާއިޒް އަދި ރިޒްވާންގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން މެޗް ނިމި ނިމި އޮއްވައި އަޝްފާގް ދިން ބޯޅަ އަކުން ނާއިޒް ވަނީ ރާއްޖޭގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްފައެވެ. މިއަދު ރާއްޖޭގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއްދައްކައިދީފައެވެ. ގިނަ މީހުން ހީކުރި ގޮތާއި ޚިލާފަށް ރާއްޖޭގެ އެންމެ މޮޅު ތިން ކުޅުންތެރިން ފެނިގެންދިޔައީ މެޗް ނިމެން ގާތްވެފައިވަނިކޮށެވެ. އެ ތިންބަދަލު ކުރުން މާލަސްވިކަމަށް މިއަދުގެ މެޗްގެ އެނަލިސްޓް ސޮބާހް މުހައްމަދު ވަނީ ފާހަގަ ކޮށްފައެވެ. 

ކޮލިފައިންގެ ގްރޫޕް އޭގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ސީރިއާ އެވެ. ޗައިނާ ދެ ވަނަގައި އޮތީ ގޯލްގެތަފާތުންނެވެ. ޗައިނާއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ފިލިޕީންސް ތިން ވަނައިގައި އޮތީ މިއަދު ލިބުނު 3 ޕޮއިންޓާއި އެކު 7 ޕޮއިން ހޯދައިގެންނެވެ.  ރާއްޖެއަށް ތިން ޕޮއިންޓާއެކު ހަތަރު ވަނަ ލިބޭއިރު ގްރޫޕުގެ ފުލުގައި އޮތް ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ.

Maldives National Team

Leave a Comment:

Comments will be published after moderation.