News

ނޭޕާލް އަކީ ރާއްޖެއާއި އަޅާކިޔާނަމަ މާފާސްޓް ގޭމްއެއް ކުޅޭ އެހެން ލެވަލް އެއްގެ ޓީމެއް: ކޯޗް ފައިސަލް

14 ނޮވެމްބަރު 2019






ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖޭގެ އަންހެންޓީމް ނޭޕާލާއި ދެކޮޅަށް މިއަދު ނިކުންނައިރު ނޭޕާލް އަކީ ރާއްޖެއާ އަޅާ ކިޔާނަމަ މާފާސްގޭމެއް ކުޅޭ ޓީމެއްކަމަށާއި ނަމަވެސް ރާއްޖޭގެ ޓީމް އެންމެ ފަހުވަގުތާއި ހަމަ އަށްވެސް މޮޅުވާން މަސައްކަތް ކުރާނެކަމަށް ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗް މުހައްމަދު ފައިސަލް ބުނެފިއެވެ. 

ބޯޅަ އެމްވީއަށް މައުލޫމާތު ދެމުން މި މުބާރާތުގައި ޓީމަށް އިރުޝާދު ދެމުން ގެންދާ ފައިސަލް ބުނީ ޓީމުގެ ބައެއް ކުޅުންތެރިން ބޭރަށް ހިންގާތީ އުޅޭކަމަށާއި ނަމަވެސް މިއަދުގެ މެޗްގައި ބަލިވެގެން ނުކުޅެވޭނެ ކަމަށް އެއްވެސް ކުޅުންތެރިއެއް ބުނެފައި ނުވާކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ މެޗަށް ވަރަށް ތައްޔާރުވެގެން ކަމަށްވެސް ފައިސަލް ބުންޏެވެ. 

ފައިސަލް ބުނީ ރާއްޖޭގެ ޓީމް މުބާރާތަށް އައީ މުބާރާތުގެ 3 ވަނަ ހޯދުމުގެ އަޒުމުގައި ކަމަށާއި އެކަމަކު ފައިނަލަށް ޓީމު ދިޔުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. 

މި ދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗް ނޭފާލް އިން ވަނީ ފަސޭހަކަމާއި އެކު ސީދާ 3 ސެޓުން ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓް ނޭޕާލް ކާމިޔާބު ކުރީ 25-14 އިންނެވެ. ދެ ވަނަ ސެޓް އެ ޓީމުން ކާމިޔާބު ކުރީ 20 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެ ސެޓް ނޭޕާލުން ގެންދިޔައީ 25-5 އިންނެވެ. ފަހު ސެޓް ކާމިޔާބު ކުރީ 25-23 އިންނެވެ.

މުބާރާތުގައި ވާދަ ކުރާ އެންމެ ވަރުގަދަ ޓީމަކީ ނޭޕާލެވެ. އެ ޓީމު ފައިނަލުގެ ޖާގަ ހޯދީ ރައުންޑް ރޮބިން ލީގްގައި ކުޅުނު އެއްވެސް މެޗެއްގެ އެއްވެސް ސެޓަކުން ބަލި ނުވެ އެވެ.

Volleyball

Leave a Comment:

Comments will be published after moderation.