News
މިއަދު ކުޅޭ ފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ގައުމީ ވޮލީ އަންހެން ޓީމަށް ތާރީޚީ މެޗެއް
14 ނޮވެމްބަރު 2019
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖޭގެ އަންހެންޓީމް ނޭޕާލާއި ދެކޮޅަށް ނުކުންނަ މެޗަކީ ހުރިހާގޮތަކުންވެސް ރާއްޖޭގެ އަންހެންޓީމަށް މުހިއްމު މެޗެކެވެ.
މުބާރާތުގައި 4 މެޗް ކުޅުނު އިރު ރާއްޖެ ފައިނަލްގެ ޖާގަ ހޯދީ ކުޅުނު 4 މެެޗްގެ ތެރެއިން 3 މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗް ގައުމީ ޓީމަށް ޚާއްސަވާކަމަކީ މިއީ ރާއްޖޭގެ ގައުމީ އަންހެންޓީމެއް އިންޓަރނޭޝަނަލް މުބާރާތެއްގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިއަދުގެ މެޗުން ގައުމީ ޓީމް މޮޅުވި ނަމަވެސް އަދި ބަލިވި މިއަދުގެ މެޗް ވެގެންދާނީ މިޓީމުގެ ކުޅުންތެރިން އެތައްދުވަހެއް ވަންދެން ކުރި ބުރަމަސައްކަތުގެ ނަތީޖާ ލިބޭނެ މެޗަކަށެވެ.
ރާއްޖޭގެ ވޮލީގެ މައި އިދާރާގެ ހިންގުމުގެ މައްސަލަތަކެއް އުޅޭ މިދުވަސްކޮޅު މިޓީމު ކުރި ހިތްވަރަކީ ދިވެހި ވޮލީ އަށް ލޯބިކުރާ އެންމެންވެސް ފާހަގަ ކުރާކަމެކެވެ. މިއަދު ރާއްޖެ ފައިނަލްގައި ވާދަކުރާ ނޭޕާލް އަކީ ރާއްޖެއާއި އަޅާކިޔާނަމަ ވޮލީގައި ކުރިއަރާފައިވާ ގައުމެކެވެ. މި ދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗް ނޭފާލް އިން ވަނީ ފަސޭހަކަމާއި އެކު ސީދާ 3 ސެޓުން ކާމިޔާބުކޮށްފައެވެ.
ނަމަވެސް މިއަދުގެ މެޗްގައި ރާއްޖޭގެ ކުޅުންތެރިން ކަށިން ހިތްވަރު ނެރެ މޮޅުވުމަށް މަސައްކަތް ކުރާނެކަމާއި މެދު ޝައްކެއްވެސް ނެތެވެ. މި ފަހަރުގެ މުބާރާތަށް ރާއްޖޭގެ ޓީމް ތައްޔާރުވާން ފެށީވެސް މެޑެލް އެއް ހޯދުމަށް އަމާޒް ކޮށްގެންނެވެ. އެހެންކަމުން ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ މިއަދުގެ ފައިނަލް މެޗުން ރާއްޖޭގެ ޓީމް ބަލިވި ނަމަވެސް މި މުބާރާތުގެ ދެވަނަ ޓީމްގެ ޝަރަފް (ސިލްވާ މެޑަލް) ރާއްޖޭގެ ޓީމަށް ލިބިގެންދާނެއެވެ. އެހެން ކަމުން މީ އަދި މިހާތަނަށް ރާއްޖޭގެ ޓީމެއް ބޭރުގެ މުބާރާތަކުން ބޮޑު ކާމިޔާބެއް ހޯދާނެ ފަހަރެކެވެ.
އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް އާއި ދެކޮޅަށް ކުޅޭ ފައިނަލް މެޗަކީ ދިވެހި ތާރީހުގައި ރަންއަކުރުން ލިޔެލެވޭނެ ކާމިޔާބީއަކަށް ހެދުމުގެ ހިތްވަރު ދިވެހި ޓީމުގައި އެބަހުރިކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުހައްމަދު ލަތީފް ވެސް ވަނީ ވިދާޅުވެފައެވެ.
2016 ވަނަ އަހަރު މަގާމާއި ހަވާލުވުމަށް ފަހު ލަތީފް ވަނީ އޭނާގެ ދައުރުގައި ސަރަހައްދީ މުބާރާތަކުން ވޮލީން މެޑެއްޔެއް ހޯދާނެ ކަމަށާއި އެކަމަށް މަސައްކަތްފެށި ކަމަށް އޭރު ވިދާޅުވެފައެވެ. އެއަށް ފަހު އަންހެން ވޮލީ ޓީމު އެކުލަވާލާ 2018 ވަނަ އަހަރުން ފެށިގެން އެޓީމުގެ ފަރިތަކުރުންތައް މެދުނުކެޑި ވަނީ ކުރިޔަށްގެން ގޮސްފައެވެ.
މިއަދުގެ މެޗް 13:30 ގައި ޔެސް ޓީވީ އަދި ވީޓީވީ އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
Volleyball