News
3000 ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކަނީ 2550 ޓިކެޓް
13 ނޮވެމްބަރު 2019
ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރާއްޖެއާއި ފިލިޕިންސް ބައްދަލު ކުރާމެޗްގެ ޓިކެޓް އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި ވިއްކަން ފަށާފައިވާއިރު މިއަދު ހަވީރު ވެސް 4 ޖަހާއިރު ގަލޮޅު ދަނޑުން ވިއްކާނެއެވެ. 3000 ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު، ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކަނީ 2550 ޓިކެޓްކަމަށް އެފްއޭމްއިން ބުނެފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ގައުމީ ޓީމަށް ހާއްސަ ލަވައެއްގެ އިތުރުން މެޗަށް ހާއްސަ ސަޕްލިމެންޓެއް ވެސް ނެރުނެވެ. މި ހަފްލާގައ ގައުމީ ޓީމުގެ ކޮމިޓީގެ މެމްބަރުންނާއި އެފްއޭއެމްގެ އިސް ފަރާތްތަކުން ބައިވެރިވި އެވެ.
ގަލޮޅު ދަނޑުގެ ދެސިޑިބަރި ހަލާކުވެ ބަންދުކޮށްފައިވާއިރު ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ވަނީ އެ ދެ ސިޑިބަރި ހުޅުވަން ޕްލޭނިން މިނިސްޓްރީއާ އެކު މަޝްވަރާތަކެއްކޮށް ހައްލެއް ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ވިދާޅުވީ ބޭއްވުނު މަޝްވަރާތަކަށް ފަހު އެ ސިޑިބަރިތައް ހުޅުވުމުގެ ހުއްދައެއް ނުލިބުނު ކަމަށެވެ.
ފިލިޕީންސް މެޗަށް ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2550 ޓިކެޓެވެ. ބާކީ ޓިކެޓް ވިއްކާނީ ފީފާ ގަވައިދުގައިވާ ގޮތަށް ފިިލިޕީންސް ސަޕޯޓަރުންނަށެވެ. ޓިކެޓް ވިއްކުން މިއަދު ކުރިއަށްދާނީ 16:00 އިން 18:00 އާއި 20:00 އިން 20:00 ގަލޮޅު ދަނޑުގަ އެވެ. ޓިކެޓްގެ އަގުތައް އުޅެނީ ޗައިނާ މެޗެކޭ އެއް ގޮތަށް 100ރ އާއި 150ރ ގަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ތެރެއިން އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ރާއްޖޭން މަސައްކަތްކުރާއިރު، ކުރިއަށް އޮތް ފިލިޕީންސް މެޗާއި ގުއާމް މެޗުން މޮޅުވުން ވަރަށް މުހިއްމެވެ. މި މެޗަށް ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ "މަވެސް ދަން" ނަމުގައި ކެމްޕޭނެއް ފަށައިފަ އެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު ސީރިއާ އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވެފަ އެވެ. އޭގެ ފަހުން މާލޭގައި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވިއިރު، މިދިޔަ މަހު ސީރިއާ އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.
ފޮޓޯ މުހައްމަދު އައުޒަމް/ ވަން އޮންލައިން
Maldives National Team