News
ވިލި މުއައްސަސާކަޕް: އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީން ސެމީގެ އުންމީދު އާކޮށްފި
13 ނޮވެމްބަރު 2019
ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ސްޓެލްކޯ ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީން ވަނީ ސެމީގެ އުންމީދު އާކޮށްފިއެވެ.
ވާދަވެރި ކުޅުމަކަށްފަހު އެ މެޗުން ކްލަބު އެމްޓީސީސީ މޮޅުވީ 6-7ގެ ނަތީޖާއަކުންނެވެ. އެ މެޗު ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމްއެވެ. އެ މެޗުގައި ކްލަބު އެމްޓީސީސީން ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ހުސައިން އާފާގު ކާމިޔާބުކޮށްދިން އިރު، އިބްރާހިމް ނަޒީހު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ އަހްމަދު ރިޒްނީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގައި ސްޓެލްކޯ އިން ޖެހި ހަ ލަނޑުގެ ތެރެއިން ހަސަން ނަސީރާއި ސުއައިދު ސައީދު، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އިސްމާއިލް ނަސީމު ވެސް ސްޓެލްކޯއަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑަކީ ކްލަބު އެމްޓީސީސީގެ މުހައްމަދު އަހުސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި ކްލަބު އެމްޓީސީސީގެ ހުސައިން އާފާގެވެ.
މިވަގުތު "ގްރޫޕު ބީ"ގެ އެއްވަނައިގައި އޮތް ކްލަބު ވެމްކޯއަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. 2017ގެ ޗެމްޕިއަން މޯލްޑިވް ގޭހާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީ، އެއިން ކޮންމެ ޓީމަކަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ސްޓެލްކޯ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ރޭ ކުޅުނު މެޗުގައި އެމްޓީސީސީ އަތުން ބަލިވުމާ ގުޅިގެން ސްޓެލްކޯއަށް ވަނީ ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.
އެ މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗުތަކެވެ. މިރޭ 8:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި އެމްޑަބްލިޔުއެސްސީ އާއި އެމްއާރުސީސީ ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އާއި މޯލްޑިވް ގޭހެވެ. އަދި މިރޭ 10:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެމްކޯ އާއި ކްލަބު އެމްޓީސީސީއެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ މިމަހުގެ 17 ގައެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.