News
ވިލި މުއައްސަސާކަޕް: ސެމީގެ ފުރަތަމަ ޖާގަ ވިލިޖޯލި ހޯދައިފި
13 ނޮވެމްބަރު 2019
ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ވިލިޖޯލި ހޯދައިފިއެވެ.
ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ވިލިޖޯއްޔާއި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އެ މެޗު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ޔޫތު އެގްޒެކެޓިވް ނާޝިޔާ މުހައްމަދު ސަލީމެވެ.
އެ މެޗުގައި ވިލިޖޯލީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނަޝްވާނެވެ. އަދި އެމްއާރުސީސީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އާލިފްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލިޖޯލީގެ މުހައްމަދު ވިލްފްއެވެ.
އެ މޮޅާއެކު ވިލިޖޯލިން ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. "ގްރޫޕު އޭ"ގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ވިލިޖޯލި އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެމްއާރުސީސީއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައިވާ ވިލިމާލެ ޕޮލިސް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.
އެ މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗުތަކެވެ. މިރޭ 8:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި އެމްޑަބްލިޔުއެސްސީ އާއި އެމްއާރުސީސީ ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އާއި މޯލްޑިވް ގޭހެވެ. އަދި މިރޭ 10:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެމްކޯ އާއި ކްލަބު އެމްޓީސީސީއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ މިމަހުގެ 17 ގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.