News

އަކޫ އަދި މެސީ ގެނެސް ޗެމްޕިއަން ޓީސީ ވަރުގަދަ ކޮށްފި

30 ޖެނުއަރީ 2019






މިފަހަރު އަލަށް ޓީސީ އަށް ކުޅެން ނިންމި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމްގެ ކެޕްޓަން، އަކުރަމް އަބްދުލް ޣަނީ (އަކޫ)ގެ އިތުރުން އިސްމާއިލް އީސާ (މެސީ) އެޓީމަށް ރޭ ސޮއިކޮށްފިއެވެ.

ބޯޅަ އެމްވީ އަށް މައުލޫމާތު ދެއްވަމުން ޓީސީ ސްޕޯޓްސް ކްލަބުގެ ރައީސް އަހްމަދު އައްބާސް (އައްބު) ވިދާޅުވީ އަކޫ އާއި މެސީގެ އިތުރުން ދެން އަލަށް އެކްލަބާއި ގުޅުނު ކުޅުންތެރިންގެތެރޭ ނިމިދިޔަ ސީޒަންގައި ވިކްޓަރީ އިން ފެނިގެން ދިޔަ އިޝާމް އާއި ޔުނައިޓެޑް ވިކްޓަރީގެ ވާޑު ހިމެނޭކަމަށެވެ. އަކޫ އަކީ ނިޔުރޭޑިއަންޓްގެ މުހިއްމު ކުޅުންތެރިއެއްގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމްގެ ކެޕްޓަނެވެ. މިދިޔަ ސީޒަނުގައި މެސީ ފެނިގެން ދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ. އިންޖަރީގެ ސަބަބުން ނިމިދިޔަ ސީޒަން ވެގެން ދިޔައީ މެސީއަށް އެހާ ކާމިޔާބު ސީޒަނެއްގެ ގޮތުގައެއް ނޫނެވެ.

އައްބު ވިދާޅުވީ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެގްރީމެންޓް އައު ނުކުރާ ކުޅުންތެރިންގެ ތެރޭ ހިމެނެނީ އަލީ އަޝްފާގް (ދަގޭ)ގެ އިތުރުން އިބްރާހިމް ވަހީދު (އިއްބެ) އާއި އިބްރާހިމް މަހުދީ ( ފޭދޫ އިއްބެ) އަދި އަބުދުއްﷲ ހަނީފް (ބެންޖޯ) އެވެ.

ކުރިން ޓީމަށް ކުޅެމުންދިޔަ ކުޅުން ތެރިންގެ ތެރެއިން ކްލަބްގައި މިފަހަރުވެސް މަޑުކުރަން ނިންމި މުހިއްމު ކުޅުންތެރިންގެތެރޭގައި ހިމެނެނީ އައްޒާމް، އިޝާން (ސައްޓު) ރިލްވާން (ބެން) ސާމިރު، ފައްރާޙް (ފައްރަ)ގެ އިތުރުން އަޖުފާން ހިމެނެއެވެ.

އައްބު ވިދާޅުވީ އަދިވެސް ކުރިޔަށް އޮތް ދުވަސް ތަކުގައި ޓީމަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އަދިވެސް ކުޅުންތެރިން ޓީމާއި ގުޅެމުންދާނެކަމަށެވެ.

ދެވަނަ ޑިވިޝަނުން ފެށިގެން ޓީސީއަށް ކޯޗްކަން ކޮށްދެމުން އައި ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މިފަހަރު ޓީސީން އިން ފެނިގެން ނުދާނެކަން އިއުލާންކޮށްފައެވެ. ނިޒާމްބެ ވަނީ އޭނާގެ ކޯޗްކަމުގެ ދަށުން 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނަށް ޓީމުގެންގޮސްދީފައެވެ. އަދި ފުރަތަމަ ޑިވިޝަނުގައި 2015 އިން 2017 ވަނަ އަހަރާއި ހަމައަށް ޕްރިމިއަރ ލީގްގެ ރަނަރަޕްކަން ހޯދާފައެވެ. 2017 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލްކަޕްގެ ޗެންޕިއަންކަންވެސް ހޯދާގައިވަނީ ނިޒާމްބެގެ ކޯޗްކަމުގެ ދަށުންނެވެ. އަދި މީގެ އިތުން ނިޒާމްބެ ވަނީ ނިމިދިޔަ 2018 ވަނަ އަހަރުގެ ޕްރިމިޔަ ލީގްގެ ޗެމްޕިއަންކަން ޓީސީއަށް އޭނާގެ ކޯޗްކަމުގެ ދަށުން ހޯދާފައެވެ

Dhivehi Premier League FAM Maldives National Team TC Sports Club

Leave a Comment:

Comments will be published after moderation.