News

ގައުމީޓީމް ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުން މޮޅެއް

15 އޯގަސްޓް 2018






ގައުމީޓީމް ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުން މޮޅެއް.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގެ ކްލަބަކާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކުން ރާއްޖޭގެ ގައުމީ ޓީމު މޮޅުވެއްޖެއެވެ.

ރޭ ގަތަރުގައި އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އަލް މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗްޗްގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ޓީމުންވަނީ 3 ގޯލް ޖަހާފައެވެ. ރާއްޖެއަށް ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު، މުހައްމަދު އާރިފް (ބަކާ) އަދި ހަސަން ނާއިޒް (ދާދު)އެވެ. ފަހު ހާފްގައި ކާމިޔާބު ކުރި ގޯލާއި އެކު ދާދުވަނީ މެޗްގަ ޖެހި އޭނާގެ ދެވަނަ ގޯލް މެޗްގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައެވެ. އަންނަ ސެޕްޓެމްބަރު ހަތަރަކުން 15 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު މިހާރު ދަނީ ގަތަރުގައި ކޭމްޕްކުރަމުންނެވެ. ގަތަރުގައި ގައުމީ ޓީމުގެ އިތުރުން ޕާކިސްތާނާއި އެކު ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމަށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ. ރާއްޖެއާ އެކު ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ. ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމް އިންޑިއާ ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.

 



Leave a Comment:

Comments will be published after moderation.