News

މުބާރާތް ބާއްވާ ގައުމު ސީދާ 3 ސެޓުން ބަލިކޮށް ރާއްޖެ މެޑަލް އެއް ހޯދުމާއި ގާތަށް

10 ނޮވެމްބަރު 2019






އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުން މެޑެއްޔެއް ހޯދުމާ ގާތަށް ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ޖެހިލައިފި އެވެ.

މުބާރާތް ބާއްވާ ގައުމުކަމަށްވާ ބަންގްލަދޭޝް އަތުން ރާއްޖެ މިއަދު މޮޅުވީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖޭން ސެޓުތައް ގެންދިޔައީ 25-16، 27-25 އަދި 25-22 އިންނެވެ. މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ ޓީމުގެ ޖަރޒީ ނަންބަރ 7 އައިމިނަތު އަރީޝާއެވެ. އަރީޝާ އަންނަނީ މިމުބާރާތުގައި މޮޅު ކުޅުމެއްދައްކަމުންނެވެ. 

ރާއްޖޭން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިއްޔެ ކިރްގިސްތާން އަތުން 3-2 ސެޓުން މޮޅުވެފަ އެވެ. މިއަދުގެ މެޗުން ސީދާ ތިން ސެޓުން މޮޅުވުމުން ރާއްޖެއަށް ވަނީ 5 ޕޮއިންޓު ލިބިފަ އެވެ. ލީގު ބުރު ނިންމާލުމަށްފަހު އެއްވަނަ އާއި ދެވަނަ ކުޅޭނީ ފައިނަލެވެ. އަދި ލޯ މެޑަލް މެޗުގައި ކުޅޭނީ ތިންވަނަ އާއި ހަތަރުވަނަ އަށް ދާ ދެ ޓީމެވެ.

މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތެރިވި އަހްމަދު ސުނާންއެވެ. ނަމަވެސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ނުފޫޒުން ސުނާން އަށް ވަނީ ޓީމާއި އެކު ދަތުރު ކުރެވޭގޮތް ނުފައިކަމަށެވެ. 

އެހެންކަމުން މިފަހަރުގެ މުބާރާތާއި ރާއްޖޭގެ އަންހެން ޓީމުން ކުރިމަތިލާފައިވަނީ ގޮންޖެހުންތަކަކާ އެކުއެވެ. ހެޑްކޯޗަށް ޓީމާއިއެކު ނުދެވުމުން ޓީމުގެ ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަނީ އެސިސްޓެންޓް ކޯޗް މުހައްމަދު ފައިސަލް އެވެ. އަދި މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުންނެވެ.

Volleyball

Leave a Comment:

Comments will be published after moderation.