News
ވިލި މުއައްސަސާކަޕް: ވެމްކޯ ކުޅުނު ދެމެޗުންވެސް މޮޅުވެ ސެމީއާ ގާތަށް
10 ނޮވެމްބަރު 2019
ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕް ރޭ ކުޅުނު ދެވަނަ މެޗްގައި ސްޓެލްކޯ އާއި ވެމްކޯ ބައްދަލުކުރި މެޗް 6-3ގެ ނަތީޖާއަކުން ވެމްކޯ ކާމިޔާބު ކޮށްފަިއެވެ.
ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ވިލި މުއައްސަސާ ކަޕް 2019"ގެ ދެވަނަ މެޗް ޝަރަފްވެރި ކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު އިރާޝްއެވެ. މެޗުގައި ކްލަބު ވެމްކޯ އިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ސަމީހު މޫސާ އާއި އަބްދުﷲ ޖުނާ އަދި އިބްރާހިމް މުބީން (މުއްކި) އެވެ. އެއިން ކޮންމެ ކުޅުންތެރިޔަކު ވެސް މެޗުގައި ތިން ލަނޑު ކާމިޔާބުކުރިއެވެ. މެޗުގައި ސްޓެލްކޯ އިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަސީރާއި އިބްރާހިމް ޒަމީރު އަދި ސުއައިދު ސައީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ މުއްކިއެވެ.
ރޭ "ގްރޫޕު އޭ"ގެ ދެން ކުޅުނު މެޗުގައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަތުން ވިލިމާލެ ޕޮލިސް ވަނީ ބަލިވެފައެވެ. އެ މެޗުން ޕޮލިސް ބަލިވީ 7-3ގެ ނަތީޖާއަކުންނެވެ. އެ މެޗު ޝަރުފުވެރިކޮށްދެއްވީ ގާޑަން ބްރީޒްގެ ވެރިޔާ އަލީ ސިރާޖެވެ. އެ މެޗުގައި އެމްއާރުސީސީން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު އަބްދުﷲ ޝުޖާއު ކާމިޔާބުކޮށްދިން އިރު، އަހްމަދު އާލިފް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު އަޝްރަފާއި އާދަމް ޝަމީލެވެ.
މެޗުގައި ޕޮލިހުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ހަމްދޫނާއި ހިޝާމް އަބްދުލް މަޖީދު އަދި މުހައްމަދު މައުސޫމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ތިން ލަނޑު ކާމިޔާބުކުރި އެމްއާރުސީސީގެ އަބްދުﷲ ޝުޖާއުއެވެ.
މި މުބާރާތުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 20:00 ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި ވިލިމާލެ ޕޮލިސް އާއި ވިލި ޖޯލި ބައްދަލުކުރާ އިރު، މިރޭ 21:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ގޭސް އާއި ކްލަބް އެމްޓީސީސީއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.
ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ އިމޭޖަސް އެމްވީ
Villi Mua'ssasaa Cup