News
ވިލި މުއައްސަސާކަޕް: 9-0 ގެ ނަތީޖާއަކުން ވިލިޖޯލިން އެމްޑަބްލިޔުއެސްސީ ބަލިކޮށްފި
10 ނޮވެމްބަރު 2019
ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕް ރޭ ކުޅުނު ފުރަތަމަ މެޗްގައި އެމްޑަބްލިޔުއެސްސީގެ މައްޗަށް ބޮޑުތަފާތަކުން ވިލިޖޯލި މޮޅުވެއްޖެއެވެ.
ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ވިލި މުއައްސަސާ ކަޕް 2019" ފުރަތަމަ މެޗް ވިލިޖޯލި ކާމިޔާބުކުރީ 9-0ގެ ބޮޑު ތަފާތަކުންނެވެ. މިމެޗް ޝަރަފްވެރި ކޮށްދެއްވީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ހެޑް އަދްނާން އަލީއެެވެ. މި މެޗްގައި އެމްޑަބްލިޔުއެސްސީގެ އާދަމް ނަހުވާން 3 ގޯލް ޖަހާ ހެޓްރިކް ހެދިއިރު އަލީ އިފާޒް އާއި އަހްމަދު ޖައިޝަން ޒިޔާދު ވަނީ ދެގޯލް ކާމިޔާބުކޮށްފައެވެ. އަނެއް ދެގޯލް ކާމިޔާބު ކޮށްދިނީ މުހައްމަދު އަޔާޒްގެ އިތުރުން މުހައްމަދު ވިލްފްއެވެ.
މި މުބާރާތުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 20:00 ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި ވިލި ޖޯލި އާއި ވިލިމާލެ ޕޮލިސް ބައްދަލުކުރާ އިރު، މިރޭ 21:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ގޭސް އާއި ކްލަބް އެމްޓީސީސީއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.
ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ އިމޭޖަސް އެމްވީ
Villi Mua'ssasaa Cup