News
ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން އަންހެން ވޮލީބޯޅަ ޓީމު މޮޅުވެއްޖެ
9 ނޮވެމްބަރު 2019
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ވުމަންސް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު މޮޅުވެއްޖެ އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން އަންހެން ޓީމު މޮޅުވީ 3-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 26-24 އިން ރާއްޖެއިން ކާމިޔާބުކުރި ނަމަވެސް، އަނެއް ދެ ސެޓު ކާމިޔާބުކުރީ ކިރްގިސްތާނުންނެވެ. ދެވަނަ ސެޓު 25-22 އިން ގެންދިޔައިރު، ތިންވަނަ ސެޓު ގެންދިޔައީ 25-14 އިންނެވެ.
ނަމަވެސް ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް އަނެއް ދެ ސެެޓު ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ސެޓު 25-18 އިން ކާމިޔާބުކުރިއިރު، ފަސްވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 15-10 އިންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބިފައިވަނީ ރާއްޖޭގެ ޖާޒީ ނަމްބަރު 6، ހައްވާ ރާޝިދާ އަށެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަނެވެ. މި މެޗްގައި ހައްވަގެ އިތުރުން އަރީޝާ އާއި ޖޫޒާން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތެރިވި އަހްމަދު ސުނާންއެވެ. ނަމަވެސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ނުފޫޒުން ސުނާން އަށް ވަނީ ޓީމާއި އެކު ދަތުރު ކުރެވޭގޮތް ނުފައިކަމަށެވެ.
އެހެންކަމުން މިފަހަރުގެ މުބާރާތާއި ރާއްޖޭގެ އަންހެން ޓީމުން ކުރިމަތިލާފައިވަނީ ގޮންޖެހުންތަކަކާ އެކުއެވެ. ހެޑްކޯޗަށް ޓީމާއިއެކު ނުދެވުމުން ޓީމުގެ ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަނީ އެސިސްޓެންޓް ކޯޗް މުހައްމަދު ފައިސަލް އެވެ. އަދި މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭވީސީގެ ރައީސް ސޮއިކުރައްވައި ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވި ސިޓީއެއްގައި، އޭވީސީއާ ގުޅޭ މުބާރާތެއްގައި މުއާމަލާތް ކުރަންވާނީ މުހައްމަދު ލަތީފްއާ ކަމަށް އެންގުމުން، ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ލަތީފް ފޮނުވި ޓީމު ލިސްޓުގައި ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗު އަހުމަދު ސުނާން އެވެ.
އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު، ދެވަނަ މެޗުގައި މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ތިންވަނަ މެޗުގައި ހޯމަ ދުވަހު އަފްޣާނިސްތާނާ ބައްދަލުކުރާއިރު، ބުދަ ދުވަހު ނުކްނާނީ ނޭޕާލާ ދެކޮޅަށެވެ.
Volleyball