News
ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕް ރޭ ފަށައިފި
9 ނޮވެމްބަރު 2019
ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕް ރޭ ފަށައިފިއެވެ.
ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ބޭއްވި "ވިލި މުއައްސަސާ ކަޕް 2019" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ 20 އަހަރަށްފަހު ދާދި ފަހުން ފުޓުބޯޅައިން ރިޓަޔާކުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދެވެ. އިމްރާންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެކުންފުނީގެ ބައެއް އިސްވެރިން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރި ވަޑައިގެންފައެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތަށްފަހު ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި ބައްދަލުކުރީ ވިލިމާލެ ޕޮލިހާއި މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އެވެ. އެ މެޗު 5-2ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްޑަބްލިޔުއެސްސީއެވެ. އެ މެޗުގައި އެމްޑަބްލިޔުއެސްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ހަސަނާއި މުހައްމަދު ދައިސަމް އަބްދުﷲ އާއި އާދަމް ހާފިޒާއި މޫސާ ނަޖާހު އަދި ހަސަން ތާއިފެވެ. މެޗުގައި ވިލިމާލެ ޕޮލިހުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ސޮބާހު އަދި ހައިޝަމް އަބްދުލްމަޖީދެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްޑަބްލިޔުއެސްސީގެ ހަސަން ތާއިފެވެ.
ރޭ ކުޅުނު "ގްރޫޕު ބީ"ގެފުރަތަމަ މެޗްގައި ބައްދަލުކުރީ މޯލްޑިވްސް ގޭހާއި ކްލަބު ވެމްކޯއެވެ. އެ މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެމްކޯއެވެ. އެ މެޗުގައި ވެމްކޯގެ އިބްރާހިމް މުބީން ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޖުނާހެވެ. މެޗުގައި މޯލްޑިވް ގޭހުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސިފާއުއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ތިން ލަނޑު ކާމިޔާބުކުރި ވެމްކޯގެ އިބްރާހިމް މުބީނެވެ.
އެ މުބާރާތުގައި މިރޭ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 20:00 ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި އެމްޑަބްލިޔުއެސްސީ އާއި ވިލި ޖޯލި ބައްދަލުކުރާ އިރު، މިރޭ 21:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެމްކޯ އާއި ސްޓެލްކޯއެވެ. އަދި މިރޭ 22:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި ބައްދަލުކުރާނީ ވިލިމާލެ ޕޮލިހާއި އެމްއާރުސީސީއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.
ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ އިމޭޖަސް އެމްވީ
Villi Mua'ssasaa Cup