News
މިރޭ ފަށަން ހަމަޖެހިފައިވާ ވިލި މުއައްސަސާ ކަޕްގެ ފެށުން މާދަމާ ރެއަށް ފަސްކޮށްފި
7 ނޮވެމްބަރު 2019
ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގެ ފެށުން މާދަމާއަށް ފަސްކޮށްފިއެވެ.
އެ މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި ކުރިން މިރޭ ފެށުމަށް ތާވަލުކުރި ނަމަވެސް، މޫސުން ތަންނުދިނުމުގެ ސަބަބުން އެ މުބާރާތުގެ ފެށުން މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެ މުބާރާތް ފެށިގެންދާނީ މާދަމާ ރޭ 8:30ގައި ވިލިމާލޭ ޓާފް ދަނޑުގައި ބާއްވާ ހާއްސަ ރަސްމިއްޔާތަކާއެކުއެވެ.
އެ ރަސްމިއްޔާތަށް ފަހު މާދަމާ ރޭ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ރޭ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ "ގްރޫޕު އޭ"ގެ ވިލިމާލެ ޕޮލިހާއި އެމްޑަބްލިޔުއެސްސީއެވެ. މާދަމާ ރޭ ކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ "ގްރޫޕު ބީ"ގެ މޯލްޑިވް ގޭހާއި ކްލަބު ވެމްކޯއެވެ.
މިއީ ވިލި މުއައްސަސާ ކަޕް ބާއްވާ ތިންވަނަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްޓީސީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ވިލިމާލެ ހިޔާއެވެ. އަދި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ. ނިމިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް މިއަހަރު ބައިވެރިވެފައެއް ނުވެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގުސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ.