News
ބަންގުލަދޭޝްގެ ފުރަތަމަ ޑިވިޝަންގެ ކްލަބަކާއި ހަވާލުވި ނިޒާމްބެ އެގައުމަށް ހިނގައްޖެ
5 ނޮވެމްބަރު 2019
ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ހަވާލުވެ ޓީސީ ސްޕޯޓްސްގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އެގައުމަށް ދިއުމަށް ފުރައިފިއެވެ.
މިއީ ރާއްޖޭގެ ކޯޗަކު ރާއްޖެއިން ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވާ ދެވަނަ ފަހަރެވެ. ރާއްޖޭގެ ކޯޗް މުހައްމަދު އާދަމް(މިއަހަރު ވިކްޓްރީގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި) ވަނީ ލަންކާގެ ފުރަތަމަ ޑިވިޝަންގެ ޓީމަކާއި ހަވާލުވެ ލަންކާގެ މުބާރާތަކުން ތަށި ހޯދާފައެވެ. މީގެ ކުރިން ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ނިޒާމްބެ ބުނެފައިވަނީ "މި ނިންމުން ނިންމީ ސައިފްގެ ހުށަހެޅުން ބަލައިގަންނަން ނިންމީ ރާއްޖޭން ބޭރުގެ ފުރުސަތަކަށްވުމާ އެކު ކެރިއަރުގައި އިތުރަށް ކުރިއަށްދާން ވެސް ލިބޭ ފުރުސަތަކަށްވާތީ" ކަމަށެވެ. އަދި މިއަހަރު އެއްވެސް ޓީމަކާއި ހަވާލުނުވެ މަޑުކޮށްލީ މިކަހަލަ އޮފަރ އެއް ލިބިދާނެކަމުގެ އުއްމީދެއް އޮތުމުންކަމަށް ނިޒާމްބެ ބުންޏެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ނިޒާމްބެގެ ކޯޗުކަމުގައި ޓީސީން ވަނީ ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ. އިންގްލެންޑްގެ ސްޓެވާޓް ހޯލްގެ ކޯޗުކަމުގައި ސައިފް މިދިޔަ ސީޒަން ނިންމާލީ ލީގުގެ ހަތަރު ވަނައިގަ އެވެ. މި އަހަރުގެ ލީގު ފަށާނީ އަންނަ ޑިސެމްބަރު މަހު އެވެ.
މީގެ ކުރިން ބޯޅައެމްވީއަށް ދިން އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޓާގެޓަކީ ލީގުގެ އެއްވަނަ އަށް އޭނާގެ ޓީމް ގެންދިޔުންކަމަށެވެ.
މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އަކީ ވެސް، ނިޒާމްބެ ދެ ވަނަ ޑިވިޝަނުން ފެށިގެން ކުރިއަރުވަމުން ފުރަތަމަ ޑިވިޝަނަށް ގެނައި ޓީމެކެވެ. ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ.
ބަންގްލަދޭޝްގެ ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ލީގެވެ. ބާރަ ކްލަބް ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެ އެވެ. އޭނާ ކޯޗުކޮށްދެނީ އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އަށެވެ.
ފޮޓޯ: ނިޒާމްބެ ފޭސްބުކް