News
ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގެ ގުރުއަތު ލައިފި
28 ޖެނުއަރީ 2019
އެފް.އޭ.އެމްއިން އަންނަ ފެބްރުއަރީ 4ވަނަ ދުވަހު ފެށުމަށް ބާރު ދުވެއްއެއްގައި ތައްޔާރުވަމުން އަންނަ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭގްގެ ގުރުއަތުލުން މިއަދު މެންދުރު ކުރިއަށް ގެންގޮސްފިއެވެ.
ގްރޫޕްތަކަށް ބަލާލާއިރު ގްރޫޕް އޭގައި ޓީސީ ސްޕޯޓްސް ކްލަބް، ފޯކައިދޫ ފުޓުބޯޅަ ޓީމް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ޑަ ގްރާންޑޭ އަމީގޯޒް ނިއު ޖެނެރޭޝަން (ޑަ ގޭންގް) ވާދަކުރާއިރު ގްރޫޕް ބީގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް އޭދަފުށި، އެންމެ ފަހުގެ ޔޫތު ޗެމްޕިއަން ކްލަބް ގްރީން ސްޓްރީޓްސް އަދި ކްލަބް އީގަލްސްއެވެ. ފުރަތަމަ ބުރުގެ މެޗުތައް ކުރިއަށް ދާނީ ފެބްރުއަރީ 4ން ފެބްރުއަރީ 9ށެވެ. މެޗްތައް ކުރިއަށް ދާނީ ކޮންމެ ދުވަހަކު ހަވީރު އެއް މެޗް އަދި ރޭގަނޑު އެއްމެޗް ކުޅޭ ގޮތަށެވެ. އެގޮތުން ހަވީރު ކުޅޭ މެޗުތަށް ފަށާނީ ހަތަރެއް ޖަހާއިރުއެވެ. އަދި ރޭގަނޑު ކުޅޭ މެޗުތަށް ފަށާނީ އަށްގަޑި ބައިގައެވެ. މުބާރާތުގެ މެޗުތައް ކުޅެވޭނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.
ގްރޫޕް އޭގެ މެޗުތަކަށް ބަލާލާއިރު ފެބްރުއަރީ 4ވަނަ ދުވަހު ހަވީރު މުބާރާތް ހުޅުވާލާ މެޗުގައި ވާދަކުރާނީ ޓީސީ އަދި ފޯކައިދޫއެވެ. އެރޭ ކުޅޭނީ ވިކްޓަރީ އަދި ޑަ ގޭންގްއެވެ. ފެބްރުއަރީ 6ގެ ހަވީރު ކުޅޭނީ ޓީސީ އަދި ވިކްޓަރީއެވެ. އެރޭގެ މެޗުގައި ވާދަކުރާނީ ފޯކައިދޫ އަދި ޑަ ގޭންގްއެވެ. ގްރޫޕް އޭގެ ފަހު މެޗުތަށް ކުޅެވޭނީ ފެބްރުއަރީ 8ވަނަ ދުވަހުގައެވެ. އެގޮތުން އެދުވަހު ހަވީރު ފޯކައިދޫ އަދި ވިކްޓަރީ ވާދަކުރާއިރު އެރޭގެ މެޗުގައި ވާދަކުރާނީ ޓީސީއާއި ޑަ ގޭންގެއެވެ.
ގްރޫޕް ބީގެ މެޗުތަކަށް ބަލާލާއިރު ފެބްރުއަރީ 5ވަނަ ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ އަދި ގްރީން ސްޓްރީޓްސްއެވެ. އެރޭ ކުޅޭނީ އޭދަފުށްޓާއި އީގަލްސްއެވެ. ފެބްރުއަރީ 7ގެ ހަވީރު ކުޅޭނީ މާޒިޔާއާއި އޭދަފުށްޓެވެ. އެރޭގެ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އަދި އީގަލްސްއެވެ. ގްރޫޕް ބީގެ ފަހު މެޗުތަށް ކުޅެވޭނީ ފެބްރުއަރީ 9ވަނަ ދުވަހުގައެވެ. އެގޮތުން އެދުވަހު ހަވީރު ގްރީން ސްޓްރީޓްސްއާއި އޭދަފުށި ވާދަކުރާއިރު އެރޭގެ މެޗުގައި ވާދަކުރާނީ މާޒިޔާއާއި އީގަލްސްއެވެ.
ގްރޫޕް ސްޓޭޖް މެޗުތަކަށްފަހު ކުޅެވޭނީ ސެމީ ފައިނަލްގެ ދެމެޗެވެ. އެގޮތުން ގްރޫޕް އޭގެ އެއްވަނަ އަދި ގްރޫޕް ބީގެ ދެވަނަ ވާދަކުރާ ސެމީ ފައިނަލް ކުޅެވޭނީ ފެބްރުއަރީ 12ވަނަ ދުވަހުގެ ހަވީރުއެވެ. ގްރޫޕް ބީގެ އެއްވަނަ އަދި ގްރޫޕް އޭގެ ދެވަނަ ވާދަ ކުރާ ސެމީ ފައިނަލް ކުޅެވޭނީ އެރޭއެވެ. ސެމީ ފައިނަލްތަކުން މޮޅުވާ ދެ ޓީމް ވާދަކުރާ ފައިނަލް ކުޅެވޭނީ 15 ފެބްރުއަރީގެ ރޭގައެވެ.
އެފް.އޭ.އެމްގެ ހަރަކާތްތަކުން ދާދިފަހުން ސަސްޕެންޑް ކޮށްފައިވާ ކުރިން މިމުބާރާތުގައި ބައިވެރިވާ ގޮތަށް އޮތް ނިއު ރޭޑިއަންޓްއަށް ސަސްޕެންޝަންގެ ސަބަބުން މުބާރާތުގައި ނުކުޅެވޭނެއެވެ. ނަމަވެސް ނިއުގެ ސްކޮޑާއިއެކު ޔުނައިޓެޑް ވިކްޓަރީއިން މުބާރާތުގައި ވާދަކުރަން އުޅޭކަމުގެ އަޑުތަކެއްވަނީ އަރާފައެވެ. ނަމަވެސް މިކަމުގެ ރަސްމީ އެއްވެސް ބަހެއް އަދި ލިބޭގޮތްވަނީ ނުވެފައެވެ.
ނުވަ ދުވަސްތެރޭ ކުޅެ ނިންމާލާ މިމުބާރާތަކީ ޤައުމީ ފުޓުބޯޅައަށް ވަރަށް މުހިންމު މުބާރާތެކެވެ. ސަބަބަކީ މުބާރާތުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ފާހަގަކުރެވޭ މޮޅެތި ކުޅުންތެރިން ޤައުމީ 23 އަހަރުން ދަށުގެ ޓީމަށް ނަގާނެތީއެވެ. ދާދިފަހުން ޤައުމީ 23 އަހަރުން ދަށުގެ ޓީމްވަނީ މާޗް 22ވަނަ ދުވަހު ފެށޭ 2020ވަނަ އަހަރު ތައިލޭންޑުގައި އޮންނަ އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަންގައި ވާދަކުރުމަށް ފަރިތަކުރުންތަށް ފަށާފައެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކެއް ދިވެހި ފުޓުބޯޅައަށް އަލަށް އުފަންކުރުވާނެ ފަދަ މުބާރާތަކަށް މިމުބާރާތް ވެގެންދާނެ ކަމަށް ބެލެވެއެވެ. އުންމީދު ކުރެވޭގޮތުގައި ޔޫތު މުބާރާތް ވެގެންދާނީ އެއްގޮތަކަށް ވުރެ ގިނަގޮތްގޮތުން ފޯރިގަދަ މުބާރާތަކަށެވެ.
ފޮޓޯ: ޓްވިޓަރ/ޔޫތު މިނިސްޓްރީ
Club Eagles Club Green Streets Da-GANG Eydhafushi Football Team FAM FAM U-21 Youth Championship Foakaidhoo Sports Club Maziya Sports and Recreation Club New Radiant Sports Club TC Sports Club Towards Future United Victory