News
ސްޕޯޓްސް ކޮމިޝަނަރ އުވާލި އެކްސްކޯގެ 3 މެންބަރުން ބައިވެރިވެ މިއަދު އެކްސްޓްރާ އޯޑިނަރީ އެއް ބާއްވައި ލަތީފް މަގާމުން ވަކިކޮށްފި
31 އޮކްޓޯބަރު 2019
އެފްއައިވީބީގެ އެންގުމާ ޚިލާފަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީން އިން ވޮލީ ބޯޅަ އެސޯސިއޭޝަންގެ މެންބަރު ކްލަބް ތައްކަމަށް ކަނޑައެޅި ކްލަބްތަކާއި އެކު ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިޚާބީ ރައީސް މުހައްމަދު ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިއެވެ.
މިއަދު ހެނދުނު ސޯޝަލް ސެންޓަރު ސެމިނާ ރޫމްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ވެސް ހާޒިރުގައި ބޭއްވި އެކްސްޓްރާ ކޮންގްރެސްގައި ލަތީފްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ ވީއޭއެމްގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި އޮތްކަމަށް އެފްއައިވީބީން ބަލައިގަނެފައިނުވާ ހީނާ އަހުމަދު ސަލީމް އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީންނިންމި އަށް ކްލަބްގެ ތެރެއިން، ވޯޓުގައި ބައިވެރިވި، ހަ ކްލަބްގެ އިއްތިފާގުންނެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ވީއޭއެމްގެ އެކްސްކޯގެ ހުރިހާ މެންބަރުން މަގާމުތަކުން ވަކިކޮށް ނޯމަލައިޒޭޝަން ކޮމިޓީ އަކާއި އެ އެސޯސިއޭޝަންގެ ހިންގުން ހަވާލުކޮށްފައެވެ. އެހެންކަމުން ނޯމަލައިޒޭޝަން ކޮމިޓީން ބުނަމުން ދިޔައީ ކުރީގެ އެއްވެސް މެންބަރެއްގެ މަގާމެއް ނޯންނާނެކަމަށެވެ. ނަމަވެސް އެފްއައިވީބީ އިން ރާއްޖެއަށް އަންގާފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކުލަވާލި ކޮމިޓީން އިން ކުރާ އެއްވެސް މަސައްކަތެއް އެފްއައިވީބީން ގަބޫލު ކުރާނެ ކަމަށެވެ.
އެފްއައިވީބީ އިން މިގޮތަށް ބުނެފައިވީނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން އިން ވަނީ ވީއޭއެމްގެ ގަވައިދަށް އެބޭފުޅުން ބޭނުންވާ މާއްދާތައް އިތުރުކޮށް އަދި އުނިިކޮށް އެކޮމިޓީން އިން ނިންމި 8 ކްލަބުގެ ތެރެއިން 6 ކްލަބުގެ ވޯޓުން އަސާސީ ގަވައިދު ފާސްކޮށްފައެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީން ވަނީ އިންތިޚާބް މިމަހުގެ 24 ވަނަ ދުވަހު ބާއްވަން އިއުލާން ކޮށްފައެވެ. ނަމަވެސް އެފްއިވީބީން ބަލައި ނުގަންނާނެކަމަށް އެންގުމުން އިންތިޚާބު ބާއްވާފައިނުވެއެެވެ.
އުވާލި ވީއޭއެމްގެ އެކްސްކޯގެ ތިން މެންބަރެއް ބައިވެރިވެ މިއަދު ވީއޭއެމް ހިންގާ ކޮމިޓީގެ ފަރާތުން ކަމަށް ބުނެ ބޭއްވި ކޮންގްރެސްގައި ލަތީފްގެ ދައުރުގެ ނައިބު ރައީސް އަލީ ފަޒާދާއި ކޯޗާސް ކޮމިޝަންގެ ޗެއާމަން މުހައްމަދު ސާޖިދު (ބޮޑު ކާއްޓެ) އަދި ބީޗް ވޮލީބޯލް ޗެއާމަން އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ. ނަމަވެސް އުވާލި އެކްސްކޯއެއްގެ މެންބަރުންނަށް މިފަދަ ޖަލްސާއެއް ބޭއްވުމުގެ އެއްވެސް ހައިސިޔަތެއް ނެތް ކަމަށް ވޮލީގެ ތަޖުރިބާ ކާރުން އަންނަނީ ބުނަމުންނެވެ. އަދި އެފްއައިވީބީން ގަބޫލު ނުކުރާ ކްލަބް ތަކެއް ބޭނުން ކޮށްގެން އިންތިޚާބީ ރައީސްގެ އިތުބާރު ނެތްކަމަށް ނިންމުމަކީ ތާކުންތާކު ޖެހޭ ކަމެއްވެސް ނޫން ކަމަށް ވޮލީގެ ތަޖުރިބާ ކާރުން އަންނަނީ ބުނަމުންނެވެ.
ދެން އުފެދޭ ސުވާލަކީ ސްޕޯޓްސް ކޮމިޝަނަރުގެ ބާރުގައި މިއަދު މި ބޭއްވި ބައްދަލުވުން އެފްއައިވީ އިން ގަބޫލު ކުރާނެތޯއެވެ؟ އެފްއައިވީބީން ވަނީ ލަތީފްގެ އެކްސްކޯއާ އެސޯސިއޭޝަންގެ ހިންގުން އިއާދަ ކުރުމަށްވެސް ސްޕޯޓްސް ކޮމިޝަނަށް އަންގާފައި ވެއެވެ. މިއަދުގެ ބައްދަލުވުމުން ލަތީފްގެ އެކްސްކޯގެ ބައެއް މެންބަރުން ފެނިގެންދިޔައިރު ރައީސް ފެނިގެނެއް ނުދިޔައެެވެ. އަދި ލަތީފް ވިދާޅުވެފައިވަނީ އެފްއައިވީބީގެ އެންގުމާއި އެއްގޮތަށް އަދިވެސް ވީއޭއެމް އެބޭފުޅާއާއި ހަވާލު ނުކުރާކަމަށް ވިދާޅުވެފައެވެ.
އެެހެންކަމުން މިއަދު މިބޭއްވި ޖަލްސާ ސައްޙަވާނެތޯ ވަނީ ސުވާލު އުފެދިފައެވެ.
އޭވީސީގެ ރައީސް ސޯލިހް ބިން ނާސިރު ސޮއި ކުރައްވައި ބަންގުލަދޭޝްގެ ވޮލީބޯޅަ ފެޑްރޭޝަނަށް އެންމެ ފަހުން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭވީސީ ސެންޓްރަލް ޒޯން ބަންގުލަދޭޝްގައި ބާއްވަން ހަމަޖެހިފައިވާއިރު އެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރަން ހަމަޖެހިފައިވާ ޓީމުގެ ކަންކަމުގައި ވީއޭއެމްއާ މުއާމަލާތް ކުރުމުގައި ސަމާލުވާން އަންގާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވީއޭއެމްގެ ރައީސް ކަމަށް އިންތިހާބުވި ލަތީފްގެ އެކްސްކޯ އާ މުއާމަލާތް ކުރުމުގެ ބަދަލުގައި ނޯމަލައިޒޭޝަން ކޮމިޓީއާ މުއާމަލާތް ކޮށްފިނަމަ ބަންގުލަދޭޝްގައި ބާއްވާ އަންހެން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އެފްއައިވީބީން އަދި އޭވީސީން ބަލައި ނުގަތުން އެކަށީގެންވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ. އަދި އެފަދަ ހާލަތުގައި އެފްއައިވީބީގެ އެހީތެރިކަމަށް އެދޭއިރު އެފްއައިވީބީން އެހީ ނުލިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
" ބަނގުލަދޭޝް ވޮލީ ފެޑްރޭޝަން އިން ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީން އެޕްރޫވް ކޮށްފައިވާ ކޮމިޓީއާ މުއާމަލާތް ނުކުރުން އެދެން،" ސިޓީގައި އަންގާފައި ވެއެވެ. "މުއާމަލާތް ކުރަންޖެހޭނީ އެފްއައިވީބީން އެޕްރޫވް ކޮށްފައިވާ މުހައްމަދު ލަތީފުގެ އެކްސްކޯއާ." ކަމަށެވެ.
ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް އެންގެވީ މި އަހަރުގެ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ. އޭގެ ފަހުން އެފްއައިވީބީން ވަނީ ސްޕޯޓްސް ކޮމިޝަނާ އައްޔަން ކޮށްފައިވާ ކޮމިޓީ ބަލައި ނުގަންނަ ކަމަށް ބުނެފަ އެވެ. އަދި ލަތީފްގެ އެކްސްކޯއާ އެސޯސިއޭޝަންގެ ހިންގުން އިއާދަ ކުރުމަށްވެސް އެފްއައިވީބީން އަންގާފައި ވެއެވެ.
ވީއޭއެމް އިން މިއަދު ބައްދަލުވުމެއް ބާއްވާފައިވާއިރު ކޮމިޝަނަރ އޮފް ސްޕޯޓްސް ބުނެފައިވާ ގޮތުން ވީއޭއެމްގެ ކުރީގެ އެކްސްކޯއެއް ނޯންނާނެއެވެ. ނަމަވެސް އެފްއައިވީބީން ބުނަމުން އައީ އެއިދާރާއިން ބަަލައިގަންނަނީ ވީއޭއެމްގެ ރައީސެއްގެ ގޮތުގައި މުހައްމަދު ލަތީފް ކަމަށެވެ.
ކޮމިޝަނަރ އޮފްސްޕޯޓްސް ހީނާ އަހްމަދު ސަލީމް ވިދާޅުވެއި ވަނީ އެފްއިވީބީއިން ފިޔަވަޅު އެޅިއަސް މުހައްމަދު ލަތީފް އާއި ވޮލީ ބޯޅަ އެސޯސިއޭޝަން ހަވާލު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން މިއީ ރޭވިގެން ކުރިޔަށްގެންދާ ޖަރީމާއެއްގެ ގޮތުގައި ލަތީފް ސިފަކުރެއެވެ.
ފޮޓޯ: އައުޒަމް/ ވަން އޮންލައިން