News

ނިޒާމްބެގެ ކޯޗިން މިފަހަރު ރާއްޖެއިން ބޭރަށް، ޓާގެޓަކީ ލީގްގެ އެއްވަނަ: ނިޒާމްބެ

30 އޮކްޓޯބަރު 2019






މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެވެ.

 

މިއީ ރާއްޖޭގެ ކޯޗަކު ރާއްޖެއިން ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވާނެ ދެވަނަ ފަހަރެވެ. ރާއްޖޭގެ ކޯޗް މުހައްމަދު އާދަމް(މިއަހަރު ވިކްޓްރީގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި) ވަނީ ލަންކާގެ ފުރަތަމަ ޑިވިޝަންގެ ޓީމަކާއި ހަވާލުވެ ލަންކާގެ މުބާރާތަކުން ތަށި ހޯދާފައެވެ. ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނެގީ މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ކޯހެއްގައި ބައިވެރިވުމަށް ފަހު އެވެ. ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވެ  ނިޒާމްބެ ބުނީ "މި ނިންމުން ނިންމީ ސައިފްގެ ހުށަހެޅުން ބަލައިގަންނަން ނިންމީ ރާއްޖޭން ބޭރުގެ ފުރުސަތަކަށްވުމާ އެކު ކެރިއަރުގައި އިތުރަށް ކުރިއަށްދާން ވެސް ލިބޭ ފުރުސަތަކަށްވާތީ" އެވެ.

ނިޒާމްބެ ބުނީ މިހާރު ހަމަޖެހިފައި އޮތްގޮތުން އަންނަ މަހު ފަސް ވަނަ ދުވަހު ސައިފް ޓީމާ ހަވާލުވާނެ ކަމަށެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ނިޒާމްބެގެ ކޯޗުކަމުގައި ޓީސީން ވަނީ ސައިފްގެ މައްޗަށް ކުރިހޯދައިފަ އެވެ. އިންގްލެންޑްގެ ސްޓެވާޓް ހޯލްގެ ކޯޗުކަމުގައި ސައިފް މިދިޔަ ސީޒަން ނިންމާލީ ލީގުގެ ހަތަރު ވަނައިގަ އެވެ. މި އަހަރުގެ ލީގު ފަށާނީ އަންނަ ޑިސެމްބަރު މަހު އެވެ.

ބޯޅައެމްވީއާއި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޓާގެޓަކީ ލީގުގެ އެއްވަނަ އަށް އޭނާގެ ޓީމް ގެންދިޔުންކަމަށެވެ. އަދި މިއަހަރު އެއްވެސް ޓީމަކާއި ހަވާލުނުވެ މަޑުކޮށްލީ މިކަހަލަ އޮފާއެއް ލިބިދާނެކަމުގެ އުއްމީދެއް އޮތުމުންކަމަށް ނިޒާމްބެ ބުންޏެވެ.

މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އަކީ ވެސް، ނިޒާމްބެ ދެ ވަނަ ޑިވިޝަނުން ފެށިގެން ކުރިއަރުވަމުން ފުރަތަމަ ޑިވިޝަނަށް ގެނައި ޓީމެކެވެ. ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. ނިޒާމްބެ 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތުގަ އެވެ.

ބަންގްލަދޭޝްގެ ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ލީގެވެ. ބާރަ ކްލަބް ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެ އެވެ. އޭނާ ކޯޗުކޮށްދެނީ އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އަށެވެ.

 



Leave a Comment:

Comments will be published after moderation.