News
ގައުމީ ޓީމަށް ވަގުތު ދިނުމަށް ދިވެހި ޕްރިމިއަރ ލީގް އަނެއްކާވެސް އެއްމަސްދުވަހުގެ ބްރޭކަކަށް
27 އޮކްޓޯބަރު 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އާއި މާޒިޔާ ބައްދަލު ކުރި މެޗަށްފަހު އަނެއްކާވެސް އެއްމަސް ދުވަހުގެ ބްރޭކެއް ނަގައިފިއެވެ. މިއީ މިއަހަރުގެ ލީގުގުގައި މިހާތަނަށް ނެގި ހަތަރު ވަނަ ބްރޭކެވެ.
ލީގު 45 ދުވަހުގެ ބްރޭކަކަށްދަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 14 ވަނަ ދުވަހު ގައުމީ ޓީމުން ފިލިޕީންސާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށާއި އަންނަ މަހު 19 ވަނަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޑިސެމްބަރު މަހު ކުރީކޮޅުގައި ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އަށެވެ.
ހަތަރުވަނަ ބްރޭކްގެ ކުރިން ކުޅުނު ފަހު މެޗުން ދަގްރާންޑޭ އަތުން މޮޅުވެ މާޒިޔާއިން ވަނީ އެޓީމުން ދަމަހައްޓަމުން އައި ލީޑް ފުޅާކޮށްފައެވެ. ރޭގެ މޮޅާ އެކު މާޒިޔާ އިން ބްރޭކަށް ދާނީ އެއް ވަނައިގައި އަށް ޕޮއިންޓްގެ ލީޑަކާ އެކު 12 މެޗުން 29 ޕޮއިންޓް ހަމަކޮށްގެންނެވެ.
ލީގުގެ ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ދަ ގްރާންޑޭ އޮތީ 15 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
ބްރޭކަށް ފަހު ލީގު އަލުން ފަށާނީ އަންނަ ޑިސެމްބަރު މަހު 12 ވަނަ ދުވަހު އެވެ.
ފޮޓޯ: މާޒިޔާ ފޭސްބުކް ޕޭޖް
da grande DPL2019-20 Maziya Sports and Recreation Club