News

އެފްއައިވީބީގެ އެންގުމަށް ރާއްޖެ ތަބާނުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރެއް އޭވީސީންދީފި

27 އޮކްޓޯބަރު 2019






އަންނަ މަހު ބަންގުލަދޭޝްގައި ބާއްވާ އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ޓީމުގެ ކަންކަމުގައި ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާ މުއާމަލާތް ނުކުރަން އޭޝިއާގެ ވޮލީގެ މައި ޖަމްއިއްޔާ (އޭވީސީ) އިން ބަގްލަދޭޝްގެ ވޮލީބޯޅަ ފެޑްރޭޝަނަށް އަންގައިފި އެވެ.

 

އޭވީސީގެ ރައީސް ސޯލިހް ބިން ނާސިރު ސޮއި ކުރައްވައި ބަންގުލަދޭޝްގެ ވޮލީބޯޅަ ފެޑްރޭޝަނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭވީސީ ސެންޓްރަލް ޒޯން ބަންގުލަދޭޝްގައި ބާއްވަން ހަމަޖެހިފައިވާއިރު އެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރަން ހަމަޖެހިފައިވާ ޓީމުގެ ކަންކަމުގައި ވީއޭއެމްއާ މުއާމަލާތް ކުރުމުގައި ސަމާލުވާން އަންގާ ކަމަށެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވީއޭއެމްގެ ރައީސް ކަމަށް އިންތިހާބުވި ލަތީފްގެ އެކްސްކޯ އާ މުއާމަލާތް ކުރުމުގެ ބަދަލުގައި ނޯމަލައިޒޭޝަން ކޮމިޓީއާ މުއާމަލާތް ކޮށްފިނަމަ ބަންގުލަދޭޝްގައި ބާއްވާ އަންހެން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އެފްއައިވީބީން އަދި އޭވީސީން ބަލައި ނުގަތުން އެކަށީގެންވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ. އަދި އެފަދަ ހާލަތުގައި އެފްއައިވީބީގެ އެހީތެރިކަމަށް އެދޭއިރު އެފްއައިވީބީން އެހީ ނުލިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

" ބަނގުލަދޭޝް ވޮލީ ފެޑްރޭޝަން އިން ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީން އެޕްރޫވް ކޮށްފައިވާ ކޮމިޓީއާ މުއާމަލާތް ނުކުރުން އެދެން،" ސިޓީގައި އަންގާފައި ވެއެވެ. "މުއާމަލާތް ކުރަންޖެހޭނީ އެފްއައިވީބީން އެޕްރޫވް ކޮށްފައިވާ މުހައްމަދު ލަތީފުގެ އެކްސްކޯއާ." ކަމަށެވެ.

ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް އެންގެވީ މި އަހަރުގެ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ. އޭގެ ފަހުން އެފްއައިވީބީން ވަނީ ސްޕޯޓްސް ކޮމިޝަނާ އައްޔަން ކޮށްފައިވާ ކޮމިޓީ ބަލައި ނުގަންނަ ކަމަށް ބުނެފަ އެވެ. އަދި ލަތީފްގެ އެކްސްކޯއާ އެސޯސިއޭޝަންގެ ހިންގުން އިއާދަ ކުރުމަށްވެސް އެފްއައިވީބީން އަންގާފައި ވެއެވެ.

އެފްއައިވީބީން އެންގި ގޮތަށް، ވީއޭއެމް ލަތީފުގެ އެކްސްކޯއާ ހަވާލު ކުރުމަށް އެދި ވީއޭއެމްގެ ލެޓާ ހެޑްގައި ލަތީފު ވަނީ ސްޕޯޓްސް ކޮމިޝަނަރަށާއި ސްޕޯޓްސް މިނިސްޓްރީއަށް ސިޓީ ފޮނުއްވާފަ އެވެ. ލަތީފު ފޮނުއްވި ސިޓީއަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް ދެއްވި ޖަވާބުގައި ވިދާޅުވީ ވީއޭއެމްގެ ލޯގޯ އާއި ލެޓާ ހެޑް ބޭނުން ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ލަތީފަށް މިހާރު ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ތަކުރާރު ކޮށްފިނަމަ ގާނޫނީ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްކަށް މައްސަލަ ފޮނުވާނެ ކަމަށެވެ.

އޭގެ ފަހުން ލަތީފުގެ ފަރާތުން ނެރެންޖެހޭ އެންގުންތައް އޭނާ ނެރުއްވަނީ އޭނާ އަމިއްލަ ނަމުގަ އެވެ. މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ ބޭއްވި، ވީއޭއެމްގެ ކުލަބުތަކުގެ ކޮންގްރެސްއިން ވަނީ، އަސާސީ ގަވާއިދު އިސްލާހް ކޮށް އާ އިންތިހާބެއް ބޭއްވުމަށް ނިންމާފަ އެވެ.

ލަތީފު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކަކީ ވީއޭއެމްގެ މެންބާޝިޕް ކުލަބުތައް ނޫން ކަމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވީއޭއެމްގެ އިންތިހާބު ބާއްވަންވެސް އިއުލާން ކުރި އެވެ. އެހެންނަމަވެސް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސް ކޮށްފައިވާކަން ނޯމަލައިޒޭޝަން ކޮމިޓީން އިއުލާން ކުރީ މިދިޔަ ބުދަ ދުވަހު އެވެ. ލަސް ކުރި ސަބަބެއްކަމުގައި ކޮމިޝަނަަރ އޮފް ސްޕޯޓްސް ވިދާޅުވެފައިވަނީ އިންތިޚާބަށް ކުރިމަތި ލުމަށް ގިނަ ފަރާތްތަކަށް އަސާސީ ގަވައިދުގެ ދަށުން ފުރުސަތު ހަނިވެގެން ދާތީ އެކަން އިސްލާހް ކުރުމަށް ކަމަށެވެ. 

އެހެންނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ވަނީ މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހަމަވެފައެވެ. އެހެންކަމުން އެސައްކަތް ކުރަނީ ކޮން ބައެއްކަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ. 

Volleyball

Leave a Comment:

Comments will be published after moderation.