News

ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު ހަމަވެ ވީއޭއެމްގެ ހިންގުން ހުސްކަމެއްގެތެރެއަށް

26 އޮކްޓޯބަރު 2019






ވޮލީބޯޅަ އެސޯސިއޭޝަންގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ސްޕޯޓްސް ކޮމިޝަނުން ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިޚާބީ ރައީސް މުހައްމަދު ލަތީފް މަގާމުން ދުރުކޮށްް އެ ސޯސިއޭޝަންގެ ހިންގުން ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު ހަމަވެ ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާނެ އިސްފަރާތެއް ނެތި ހުސްކަމެއްގެ ތެރެއަށް ހިނގައްޖެއެެވެ. 

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ އޭރުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ނޯމަލައިޒިން ކޮމިޓީ އަކީ ސައްހަ ކޮމިޓީއެއް ކަމަށް ނުބަލާ ކަމަށް ވޮލީ ބޯޅައިގެ ދުނިޔޭގެ މައި އިދާރާ އެފްއައިވީބީން އަންގާފައި ވީނަމަވެސް ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެންގުމާ އެއްގޮތަށް މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ނޯމަލައިޒިން ކޮމިޓީން ވަނީ މަސައްކަތްކޮށްފައެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އެކުލަވާލި ނޯމަލައިޒިން ކޮމިޓީގެ ރައީސް އަކީ އަބްދުﷲ އާމިރު (އައްލޯ) އެވެ. ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އަދި މަރިޔަމް ޖުމާނާ އެވެ.

މި ކޮމިޓީގެ ޒިންމާ އަކީ ވޮލީ ބޯޅަ އެސޯސިއޭޝަންގައި މައްސަލަތަކެއް އުޅޭނަމަ އެމައްސަލަތަކެއް ރަނގަޅުކޮށް އައު އިންތިޚާބެއް ބާއްވައި އިންތިޚާބުން ހޮވޭ ބަޔަކާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުން ހަވާލުކުރުމެވެ. އެހެންނަމަވެސް ކޮމިޓީގެ މުއްދަތު ހަމަވިއިރު ވެސް އިންތިޚާބު އިއުލާން ކުރި ނަމަވެސް އިންތިޚާބު ބޭއްވިފައިނުވާތީ މިހާރު ވޮލީ ބޯޅަ އެސޯސިއޭޝަން ހިންގާނެ ވެރިއެއްނެތެވެ. މިހާރު އެސޯސިއޭޝަންގެ ހިންގުމުގެ ޒިންމާ އުފުލުމަށް ސްޕޯޓްސް ކޮމިޝަނުން ހަވާލުކޮށްފައިވަނީ އެ އެސޯސިއޭޝަންގެ ޖެނެރަލް މެނޭޖަރެއްގެ މަގާމް އަދާލުރަމުން ގެންދާ މުއައްޒަފަކާއެވެ. 

ގަބޫލު ކުރެވޭ ގޮތުގައި ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވުނީ ދުނިޔޭގެ ވޮލީބޯޅަ މައި އިދާރާ އެފްއައިވީބީން ފިޔަވަޅު އަޅާނެކަމަށް ބުނުމުންކަމަށް ބެލެވެއެވެ. އެ އިދާރާއިން ބުނެފައި ވަނީ ނޯމަލައި ޒޭޝަންކޮމިޓީ ބަލައި ނުގަންނަކަމަށާއި އަދި އެކޮމިޓީގެ އިތުރުން ސަރުކާރުގެ ނުފޫޒުން ބޭއްވޭ އެއްވެސް ހިންތިޚާބެއް އެ އިދާރާއިން ގަބޫލު ނުކުރާނެކަމަށެވެ. 

ނަމަވެސް އިންތިޚާބު ބާއްވަން 24 ގަޑި އިރަށް ވެފައި ވަނިކޮށް މުއްދަތެއް ނެތް ގޮތަށް ލަސްކުރި ސަބެއްކަމުގައި ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް ވިދާޅުވެފައިވަނީ އިންތިޚާބު ލަސްކުރުމަށް ނިންމެވީ ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ހުރުމާއިއެކު އެކަން ކަން ރަނގަޅު ކުރުމަށް ކަމަށެވެ. އެގޮތުން ވޮލީ ބޯޅަ އެސޯސިއޭޝަންގެ މަގާމުތަކަށް ކުރިމަތި ލާން ބޭނުންވާ ފަރާތް ތަކަށް ފުރުސަތު ހަނި ކޮށް މިހާރު އޮތް އޮތުން ނިމުމަކަށް ގެނެސް ގިނަ ފަރާތްތަކަށް ކުރިމަތި ލެވޭނެ ގޮތަކަށް ގަވާއިދު ބަދަލުކޮށް އަނެއްކާ އަލުން ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ނޯމަލައިޒޭޝަން ކޮމިޓީއިން އަސާސީ ގަވައިދަށް ގެނައި ބަދަލުތައް ފާސްކޮށްފައިވަނީ އެކޮމިޓީން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ ގޮތުގައި ކަނޑައެޅި 8 ކްލަބުގެ ތެރެއިން 6 ކްލަބުގެ ވޯޓާއި އެކުއެވެ. މިފަހަރުގެ ކޮމިޓީން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި މަގާމްތަކަށް ކުރިމަތި ލެވެނީ ފުރިހަމަ މެންބަރުންގެ ތެރެއިން، ފާއިތުވި 4 އަހަރުގެ ތެރެއިން 3 އަހަރު ވޮލީ ބޯޅަ އެސޯސިއޭޝަންގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ ކްލަބްތަކުގެ މެންބަރުންނަށް އެކަންޏެވެ. 

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމުން ދުރު ކުރެވިފައިވާ މުހައްމަދު ލަތީފް ވެސް ވަނީ އެބޭފުޅާގެ ދައުރުގައި އަސާސީ ގަވައިދަށް ބައެއް ބަދަލުތައް ގެނެސްފައެވެ. ލަތީފްގެ ދައުރުގައި ވީއޭއެމްގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެނެސްފައި ވާއިރު، އެންމެ ފަހުން އެ ބަދަލުތައް ގެނައީ އެންމެ ކްލަބެއްގެ ހާޒިރުގައި މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާއެއްގަ އެވެ. ވީއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް އަލުން ފާހަގަކޮށް އިސްލާހުކުރަން އެ އެސޯސިއޭޝަނުގެ ސައްހަ މެމްބަރު ކްލަބްތައް ހޯދަން ނޯމަލައިޒިން ކޮމިޓީން ކުރި މަސައްކަތުން ފާހަގަވީ އަށް ކްލަބެވެ. އެހެންކަމުން އެ 8 ކްލަބަށް ވޯޓް ދިނުމުގެ ފުރުސަތު ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ދީފައެވެ. 

ނޯމަލައިޒިން ކޮމިޓީގެ ހޯދުންތަކަށް ފަހު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އިންޑޯ މުބާރާތްތަކުގައި ކުޅެފައިވާ އަށް ކްލަބަކީ ސައްހަ މެމްބަރު ކްލަބްތައް ކަމުގައި ކަނޑައެޅި އެވެ. އެ ކްލަބްތަކަކީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ޕޮލިސް ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް ސިޓީ، ޔޫތު ނިއު ޖެނަރޭޝަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް، ސްޕޯޓްސް ކްލަބު ހޯކްސް އަދި ކްލަބް ހާފް ލައިން ލިންކޭޖް އެވެ. އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން އެ ކްލަބްތަކާ އެކު ދެ ބައްދަލުވުމެއް ނޯމަލައިޒިން ކޮމިޓީން ބޭއްވި އެވެ.

އެއަށްފަހު އިންތިޚާބުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައި މިމަހުގެ 24 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް އެކޮމިޓީން އިއުލާން ކުރިއެވެ. އަދި އެއީ އެކޮމިޓީގެ މުއްދަތު ހަމަވާ ތާރީޚް ވެސް މެއެވެ. އެހެންްކަމުން މިހާރު އެސޯސިއޭޝަން ހިންގާނެ ފަރާތެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ސަބަބަކީ އެތައް ކްލަބްތަކެއްގެ މައްޗަށް އެކުލެވޭ އެސޯސިއޭޝަނެއްގައި އިންތިޚާބު ވެފައިވާ ރައީސަކު އަދި ހިންގާ ކޮމިޓީއެއްވެސް ނެތުމެވެ. 

ވޮލީބޯޅަ އެސޯސިއޭޝަންގެ ހާލަތު މިހާހިސާބަށް ދިއުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތް ތަކަކީ ކޮބަހެއްޔެވެ؟ ކުޅުންތެރިން ހެއްޔެވެ؟ ކޯޗުން ހެއްޔެވެ؟ ކްލަބްތައް ހެއްޔެވެ؟ ވޮލީ ލެޖެންޑުން ހެއްޔެވެ؟ އެސޯސިއޭޝަންގެ ރައީސްކަން ކުރި ފަރާތްތައް ހެއްޔެވެ؟ ޔޫތު މިނިސްޓަރު ހެއްޔެވެ؟ ސްޕޯޓްސް ކޮމިޝަނަރު ހެއްޔެވެ؟ ނުވަތަ މިހާރުގެ ސަރުކާރު ހެއްޔެވެ؟ ކޮންމެވެސް އެއްބަޔަކު ޒިންމާ ނަގައި އަދި ގޮތް ދޫކޮށް ވޮލީ ބޯޅަ އެސޯސިއޭޝަން ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް މަސައްކަތް ކުރަން އެބަޖެހޭނޫންހެއްޔެވެ. 

 

 

Volleyball

Leave a Comment:

Comments will be published after moderation.