News

ވިލިމުއައްސަސާ ކަޕްގައި ބައިވެރި ވުމުގެ މުއްދަތުހަމަވި އިރު 8 މުއައްސަސާއަކުން ބައިވެރިވެއްޖެ

25 އޮކްޓޯބަރު 2019






އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމުއައްސަސާ ކަޕްގައި ބައިވެރި ވުމުގެ މުއްދަތު 21 އޮކްޓޯބަރ2019 އަށް ހަމަވި އިރު ވިލި މާލޭގެ 8 މުއައްސަސާއަކުން ބައިވެރިވެއްޖެއެވެ. 

ވިލިމުއައްސަސާ ކަޕް އަކީ ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުންބަދަހިކުރުމުގެ މަގުސަދުގައި އެމްޓީސީސީގެފަރާތުން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިޔަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި މިދިޔައަހަރުގެ ޗެމްޕިއަން ކުޑަކުދިންގެ ހިޔާ މުއައްޒަފުންގެ ދަތިކަމާއި ހެދި ބައިވެރިވެފައިނުވެއެވެ. 

މިމުބާރާތުގެ ޗެންޕިއަންޓީމަށް 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕްޓީމަށް 5000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މުބާރާތުގެ ފެއަރޕްލޭޓީމާއި މުބާރާތުގެ މޮޅު 5 ކުޅުންތެރިނާއި އެންމެ ގިނަ ގޯލް ޖެހި ފަރާތް އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. 

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލި މުއްސަސާ ކަޕްގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މީޑިޔާ ޕާޓްނަރަކީ ވަންއޮންލައިން އެވެ. އޮންލައިން މީޑިޔާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. ސަޕޯޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާޑަން ބްރީޒެވެ. މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބިދަބިންއެވެ. އެ މުބާރާތުގެ އޮފިޝަލް އިވެންޓްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސައިޓް އެންޑް ސައުންޑްސްއެވެ. 

މިއީ ވިލި މުއައްސަސާ ކަޕް ބާއްވާ ތިންވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ފާއިތުވެދިޔަ ދެ އަހަރު ވެސް އެ މުބާރާތް ބާއްވާފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްޓީސީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ވިލިމާލެ ހިޔާއެވެ. އަދި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

 



Leave a Comment:

Comments will be published after moderation.