News

މައްސަލަ ބޮޑުވެފައިވާ ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

23 އޮކްޓޯބަރު 2019






މާދަމާ ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިންތިޚާބު މުއްދަތެއް ނެތްގަޮތަށްް ފަސްކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ) ވިދާޅުވެއްޖެއެެވެ. 

ހީނާ ވިދާޅުވީ އިންތިޚާބު ލަސްކުރުމަށް ނިންމެވީ ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ހުރުމާއިއެކު އެކަން ކަން ރަނގަޅު ކުރުމަށް ކަމަށެވެ. އެގޮތުން ވޮލީ ބޯޅަ އެސޯސިއޭޝަންގެ މަގާމުތަކަށް ކުރިމަތި ލާން ބޭނުންވާ ފަރާތް ތަކަށް ފުރުސަތު ހަނި ކޮށް މިހާރު އޮތް އޮތުން ނިމުމަކަށް ގެނެސް ގިނަ ފަރާތްތަކަށް ކުރިމަތި ލެވޭނެ ގޮތަކަށް ގަވާއިދު ބަދަލުކޮށް އަނެއްކާ އަލުން ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު އޮތްގޮތުންނަމަ މަގާމްތަކަށް ކުރިމަތި ލެވެނީ ފުރިހަމަ މެންބަރުންގެ ތެރެއިން، ފާއިތުވި 4 އަހަރުގެ ތެރެއިން 3 އަހަރު ވޮލީ ބޯޅަ އެސޯސިއޭޝަންގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ ކްލަބްތަކުގެ މެންބަރުންނަށް އެކަންޏެވެ. 

ހީނާ ވިދާޅުވީ އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް އަދި ދަންނަވަން ދަތިކަމަށެވެ. ސަރުކާރުގެ ނުފޫޒު އޮތް އިންޚާބެއް ގަބޫލު ނުކުރާނެ ކަމަށާއި އަދި ނޯމަލައިޒޭޝަން ކޮމިޓީ އެފްއައިވީބީން ގަބޫލު ނުކުރާކަން އަންގާފައިވާތީ ސްޕޯޓްސް ކޮމިޝަނުން ބާއްވާ އިންތިޚާބެއް ސައްޚަ ވާނެތޯ އެހުމުން ހީނާ ވަނީ މިއަދުވެސް ކުރިންދުވަހު ވިދާޅުވިފަދައިން، ވޮލީ އެސޯސިއޭޝަން އުވާލަން ޖެހުނުކަމުގައި ވިޔަސް ކުރީގެ ރައީސް ލަތީފް އާއި ހަވާލު ނުކުރާނެކަމަށް ތަކުރާރު ކުރައްވާފައެވެ. 

އިންތިޚާބު ބޭއްވުމަށް އަސާސީ ގަވައިދު އެކުލަވާލީ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް އުފެއްދި ފަސް މެންބަރުންގެ ކޮމިޓީ އިންނެވެ. އަދި އެފާސްކުރުމަށް ވޯޓުދެއްވީ ވޯޓިންރައިޓްސް ލިބުނުކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ނިންމި 8 ކްލަބުގެ ތެރެއިން 6 ކްލަބްގެ ވޯޓުންނެވެ. 

ވޯޓުލާން 24 ގަޑި އިރަށް ވެފައި ވަނިކޮށް އަސާސީ ގަވައިދުގައި މިފަދަ މައްސަލަތަކެއް ހުރިކަމަށް ކޮމިޝަނާރ އޮފް ސްޕޯޓްސް ފާހަގަ ކުރެއްވުމުން ކޮމިޝަންގެ ދެމެންބަރަކާއި މައުލޫމާތު ހޯދުމަށް ގުޅުމުން ކޮމިޝަންގެ ދެބޭފުޅުންގެ ތެރެއިން ވަހަކަ ދެކެވިފައިވަނީ އެންމެ މެންބަރަކާއެވެ. އެބޭފުޅާ ވިދާޅުވީ އިންތިޚާބު ކިތައްމެ ގާތްވެފައި ވަނިކޮށްވެސް މައްސަލައެއް އުޅޭކަމުގައި ވާނަމަ އިންޓިޚާބު ލަސްކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ.

އަދި ހަމަ ކްލަބްތަކަށް ގުޅާލުމުން އެއް ކްލަބުން ބުނެފައިވަނީ އިންތިޚާބު ލަސްކޮށްފައިވަނީ އެފްއައިވީބީގެ މައްސަލަތަކާއި ހެދިކަމަށާއި އަސާސީގަވައިދުގެ މައްސަލައެއް އުޅޭކަން އެނގިފައި ނުވާކަމަށެވެ. ބައެއް ކުލަބްތަކުން ފޯން ނުނަންގަވާތީ އެބޭފުޅުންގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ. 

އާއްމުކޮށް ހުރިހާ އެސޯސިއޭޝަންތަކުގެ އޭޖީއެމް އަދި އެކްސްޓްރާ އޯޑިނަރީ ތަކަކީ މީޑިޔާ އަދި އެ އެސޯސިއޭޝަނެއްގެ ކްލަބްތަކަށް ހުޅުވާލެވިގެން ކުރިޔަށް ގެންދާ ޖަލްސާތަކެއްކަމުގައި ވީނަމަވެސް ވީއޭއެމްގެ މިފަދަ އެއްވެސް ޖަލްސާއަކަށް މީޑިޔާ ތަކަށް އަދި ކްލަބް ތަކަށްވެސް ދައުވަތު ދީފައެއްނުވެއެވެ. އަދި އެކަން ކަން އޮބްޒާވް ކުރުމަށް އޮލިމްޕިކް ކޮމިޓީއަށްވެސް ދައުވަތު ދެއްވާފައި ނުވާކަން ބޯޅައެމްވީއަށް ވަނީ އިތުބާރު ހުރި ގޮތަކަށް އެނގިފައެވެ. 

 

Volleyball

Leave a Comment:

Comments will be published after moderation.