News
މިއަދުގެ މެޗުން މޮޅުވެ މާޒިޔާއިން ލީޑް ފުޅާކޮށްފި
21 އޮކްޓޯބަރު 2019
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ފ. ނިލަންދޫ ބައްދަލު ކުރި މެޗް 5-0 އަކުން މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ ބުރުގައި ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ 13-0 އިންނެވެ. އެ މެޗުގައި ފަސް ގޯލު ޖެހި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ) އާއި އެންމެ ފަހުން މެޗުގައި އަނިޔާވި ނާއިޒު ހަސަން (ދާދު) މި މެޗުގައި ނުކުޅެ އެވެ. މިައަދުގެ މެޗްގައި ފުރަތަމަ ހާފްގައި މާޒިޔާ އަށް ޖެހުނީ 2 ގޯލެވެ.
މާޒިޔާ އަށް މެޗުގެ ނުވަ ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މާޒިޔާ އަށް ލީޑް ނަގައިދިނީ ހަސަން ޝިފާޒް (ޑުންގާ) އެވެ. ނަތީޖާ ހަމަހަމަކުރަން ނިލަންދޫގެ ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމާޓޯ އަށް ލިބުނު ދެ ފުރުސަތުން އޭނާ ޖެހި ދެ ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކުރަން މާޒިޔާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 43 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ކޮނޭލިއަސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ވެސް މާޒިޔާ އަށް އެންމެ ނުރައްކާކުރީ ޓޮޝީކީ އެވެ. އޭނާ ޖެހި ބޯޅައެއް މާޒިޔާގެ ގޯލުގައި ހުރި އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެެވެ. މާޒިޔާގެ ފަހު ތިން ގޯލު ޖެހީ އަސަދުﷲ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ފޭދޫ އިއްބެ އެވެ. ކޯނޭ ޖެހި ބޯޅައެއް ނިލަންދޫ ކީޕަރު ހުސެއިން ޝަފީއު (ޗެކް) އަތުގައި ޖެހިފައި ނުކުތުމުން އަސަދުﷲ ގޯލަށް ވައްދާލިއިރު، ހަމްޕު ގޯލު ޖެހީ ކީޕަރު ޗެކް ކައިރިން ނައްޓާފައި ގޮހެވެ. އަދި ފަހުގޯލް މާޒިޔާ އަށް ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ.
ނިލަންދޫ އިން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 88 ވަނަ މިނިޓްގައި ޓޮޝީކީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީ ހޯދަން އޭރިއާތެެރެއިން ޑައިވް ކުރުމުންނެވެ. އަދި ދެ ވަނަ ރީނދޫ ކާޑު ދެއްކީ މާޒިޔާގެ އިރޭ އަށް ފައުލުކުރުމުންނެވެ.
އީގަލްސް ރޭ ކުޅުނު މެޗުން މޮޅުވުމުން މިއަދުގެ މެޗަށް މާޒިޔާ ނުކުތްއިރު ލީގުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑުވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. މި މެޗުގެ ނަތީޖާއާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.
ފޮޓޯ: މިހާރު ނިއުސް
DPL2019-20 F.Nilandhoo Maziya Sports and Recreation Club