News

ފިޔަވަޅު އެޅިއަސް ލަތީފް އާއި އެސޯސިއޭޝަން ހަވާލެއް ނުކުރެވޭނެ: ކޮމިޝަނަރ އޮފް ސްޕޯޓްސް

21 އޮކްޓޯބަރު 2019






އެފްއިވީބީއިން ފިޔަވަޅު އެޅިއަސް މުހައްމަދު ލަތީފް އާއި ވޮލީ ބޯޅަ އެސޯސިއޭޝަން ހަވާލު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ކޮމިޝަނަރ އޮފްސްޕޯޓްސް ހީނާ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި މުހައްމަދު ލަތީފް ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނޯމަލައިޒޭޝަން ކޮމިޓީ އަކާއި ހަވާލުކޮށްފައެވެ. އެމައްސަލަ މުހައްމަދު ލަތީފް ވަނީ އޭޝިޔާގެ ވޮލީގެ މައި އިދާރާ އަދި ދުނިޔޭގެ ވޮލީގެ މައި އިދާރާ އެފްއައިވީބީ އަށް ހުށަހަޅާފައެވެ. 

މިމައްސަލައިގައި އެފްއައިވީބީން ރާއްޖެއަށް ފޮނޮވާފައިވާ ސިޓީގައި ބުނެފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ކަމަށް ނުބަލާ ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ ހިންގުން އެންމެ ފަހުން އިންޓިޚާބުވި ކޮމިޓީއާއި ހަވާލު ކުރުމަށް އެފްއައިވީބީން ވަނީ އަންގާފައެވެ. މިގޮތަށް އެފްއައިވީބީން އަންގާފައިވީ ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލުމުގެ ކުރިން މިދައުރުގައި ބޭއްވި އިންތިޚާބުން، އިންތިޚާބުވި ފަރާތަކަށް އެސޯސިއޭޝަންގައި ހުންނެވީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް އެކަންޏެވެ. އެހެން ހުރިހާ މަގާމުތަކަށް ވަނީ ބަދަލު އައިސްފައެވެ. 

" މުހައްމަދު ލަތީފް އާއި ވޮލީ ބޯޅަ އެސޯސިއޭޝަން ހަވާލު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ. ގޯސްތަކެއް ހަދާފައި އެބަހުރި. އޮލިންޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނުން މިވަނީ ނޯމަލަިޒޭޝަން ކޮމިޓީ ބަލައިގެންފަ. ދެން އެފްއިވީބީން ގަބޫލު ނުކުރަންޖެހޭ ކަމެއް ނުވިސްނޭ." ކަމަށް ހީނާ ވިދާޅުވިއެވެ.  

މުހައްމަދު ލަތީފް ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ އިންތިޚާބަކާއި ހަމައަށް ދިޔައިރު އެކަމާއި ގުޅޭ އެއްވެސް ލިޔެކިއުމެއް ނޯމަލައިޒޭޝަން ކޮމިޓީން އަދިވެސް އާއްމު ކޮށްފައެއް ނުވެއެވެ. އެހެންކަމުން މުހައްމަދު ލަތީފް ހަދާފައި ހުރީ ކޮން ކޮން ގޯސްތަކެއްކަން އަދި ނޭނގެއެވެ. ނަމަވެސް އިންތިޚާބަކާއި ހަމައަށް ދާއިރު މިފަދަ މައުލޫމާތު ތަކަކީ ހާމަކުރެވި އަދި ފިޔަވަޅު އަޅަން ޖެހޭކަމުގައިވާނަމަ ފިޔަވަޅު އަޅަންޖޭހޭ ކަމެެވެ. ސަބަބަކީ އެސޯސިއޭޝަން ތަކަކަކީވެސް ރައްޔިތުންގެ ފައިސާއިން ހިންގާތަންތަނެވެ. 

އޮލިމްޕިކް ކޮމިޓީއިން ނޯމަލައިޒޭޝަން ބަލައިގެންފައިވާ ކަމަށް ހީނާ ވިދާޅުވެފައިވީ ނަމަވެސް ވޮލީބޯޅަ އެސޯސިއޭޝަނަށް ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އައްޔަންކުރައްވާފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނަ ކަމަށާއި ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީ ގެ އެންގުމާ ހިލާފަށް އެ ކޮމިޓީން މަސައްކަތްކޮށް އިންތިހާބެއް ބާއްވަން ކުރާ މަސައްކަތަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު ޝަވީދު ވަނީ ނިމިދިޔަ ހަފްތާގައި ވިދާޅުވެފައެވެ. 

އެހެން ނަމަވެސް ހީނާ ވިދާޅުވީ ޝަވީދު އެކޮމިޓީ ބަލައިގެންފައިވާ ކަމުގެ ހެކި އެބޭފުޅާއަތުގައި އެބައޮތް ކަމަށެވެ. އަދި އެކޮމިޓީ ބަލައިގަންނަކަން ފާސްކޮށްފައިވަނީ އެމްއޯސީގެ ރައީސް މުހައްމަދު ޝަވީދު އިންނެވި ކޮމިޓީ އަކުން ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އެފްއައިވީބީން ނޯމަލައިޒޭޝަން ގަބޫލު ނުކުރާ ކަމަށާއި އެސޯސިއޭޝާންގެ ހިންގުން ކުރީގެ އެކްސްކޯއާއި ހަވާލުކުރުމަށް ރާއްޖެއަށް އަންގާފައިވީނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން އިން މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންގޮސް އިންތިޚާބެއް ބާއްވަން އިއުލާން ކޮށްފައިވާތީ، އިންތިޚާބުގައި ބައިވެރިވުމުގެ ކުރިން އެ އިންތިޚާބު ސައްޚަތޯ ބެލުމަށް ވޮލީބޯޅަ އެސޯސިއޭޝަންގައި ކުރިން ރައީސްކަން ކޮށްފައިވާ މުހައްމަދު ރިޔާޒް ވަނީ އެފްއައިވީބީ އަށް ސިޓީއެއް ފޮނުއްވާފައެވެ.

ރިޔާޒް ސިޓީ ފޮނުއްވީ، ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނާނެ ކަމަށް އެފްއައިވީބީން ބުނެފައި އޮއްވާ އެ ކޮމިޓީން ބާއްވާ އިންތިހާބެއްގައި ބައިވެރިވުމުގެ ކުރިން އެކަންކަން ސާފުކުރަން ބޭނުންވާތީވެ އެވެ. ރިޔާޒްގެ ފުރަތަމަ ސުވާލަކީ އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީ ބަލައިގަނޭތޯ އެވެ. އެފްއައިވީބީން ބުނީ ބަލައިނުގަންނަ ކަމަށެވެ.

ދެ ވަނަ ސުވާލަކީ ވޯޓިން ކްލަބްތައް ނިންމައި އެންޑޯޒްކޮށް އިންތިހާބެއް ބޭއްވުމުގެ އެއްވެސް ހައްގެއް ނޯމަލައިޒޭޝަން ކޮމިޓީއަށް އެބައޮތްތޯ އެވެ. ޖަވާބުގައި އެފްއައިވީބީން ބުނީ އެ ހައްގު ނެތް ކަމަށާއި ގޮވާލާ އެއްވެސް އިންތިހާބެއް އޮންނަން ޖެހޭނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް އަދި ކޮންގްރެސްގެ ރުހުމާ އެއްކޮށް ކަމަށެވެ. ތިން ވަނަ ސުވާލަކީ ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ އެއްވެސް އިންތިހާބެއް އެފްއައިވީބީން ބަލައިގަނެ އެންޑޯޒްކުރާނެތޯ އެވެ. އޭގެ ޖަވާބުގައި ބުނެފައިވަނީ ގަބޫލު ނުކުރާނެ ކަމަށާއި ސަރުކާރުގެ އެކަށީގެންނުވާ ނުފޫޒަކަށް ބަރޯސާކޮށްގެން ބާއްވާ އެއްވެސް އިންތިހާބެއް އެތަނުން ރެކޮގްނައިޒް ނުކުރާނެ ކަމަށެވެ.

މިގޮތަށް އެފްއައިވީބީން ޖަވާބު ދެއްވާފައި ވާތީ އެކަމާއި ގުޅިގެން ސުވާލު ކޮށްލުމުން " އަޅުގަނޑުމެން ފޮނޮވި ސިޓީއަށް އަދި ޖަވާބެއް ނުލިބޭ. އެކަމަކު އަމިއްލަ މީހަކު ފޮނޮވި ސިޓީ އަށް ޖަވާބު ލިބިފައި މިވަނީ. އެހެން ވީމަ އެބަ ސުވާލު އުފެދެއެއް ނުން" ހީނާ ވިދާޅުވިއެވެ. 

ހީނާ އިތުރަށް ވިދާޅުވީ އެފްއައިވީބީން ފިޔަވަޅު އެޅުމުން ރާއްޖެއަށް މާބޮޑު އެއްޗެއް ނުގެއްލޭނެ ކަމަށެވެ. ހީނާ ވިދާޅުވީ އެފްއައިވީބީ އަކީ ރާއްޖެއަށް މާގިނަ އެހީތަކެއް ދޭބައެއް ނޫންކަމަށާއި ރާއްޖެ މިހާރު ބައިވެރިވާ މުބާރާތްތަކުން ހަމަ އެކަނި ގެއްލިގެންދާނީ އޭވީސީ ސެންޓްރަލް ޒޯން މުބާރާތް އެކަނި ކަމަށެވެ. އަދި އޭގެ ބަދަލުގައި އިތުރު އެހެން މުބާރާތެއްގައި ރާއްޖެ ވާދަކުރުމުގެ ވިސްނުން އެބަހުރިކަމަށެވެ. 

އެހެން ނަމަވެސް އެފްއައިވީބީން ރާއްޖެއަށްދޭ އެހީގެ ތެރޭގައި ކޯޗުން ތަމްރީން ކުރުމާއި ރެފްރީން ތަމްރީން ކުރުމުގެ ފުރުސަތައް ހިމެނެއެވެ. އަދި މީގެ ތެރޭގައި އެފްއައިވީބީ އާއި އޭވީސީ އިން ބާއްވާ މުބާރާތްތަކުގައި ރާއްޖޭގެ ރެފްރީންނަށް ފުރުސަތުދެއެވެ. އެހެންކަމުން ރާއްޖެއާއި މެދު ފިޔަވަޅު އަޅައިފިނަމަ މި ފުރުސަތުތައް ގެއްލިގެންދާނެއެވެ. 

މިމަހުގެ 24 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ރާއްޖޭގެ ވޮލީއަށް ދެރައްގޮތެއް މެދުވެރި ވެދާނެ އިންތިޚާބަކަށްވެސް ވެދާނެއެވެ. އެފްއައިވީބީން ފިޔަވަޅު އަޅައިފި ނަމަ އެކަމުގެ އަސަރު ކުރާނީ މުޅި ވޮލީބޯޅަ ފެމިލީ އަށްކަން ޔަގީނެވެ. އަދި އެއީ ވޮލީދެކެ ލޯބިވާ އެއްވެސް ދިވެއްސެއް ބޭނުންވާނެ ގޮތެއްވެސް ނޫނެވެ.

 

 

 

Volleyball

Leave a Comment:

Comments will be published after moderation.