News
ވޮލީ ބޯޅަ އެސޯސިއޭޝަންގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވެއްޖެ
21 އޮކްޓޯބަރު 2019
ސްޕޯޓްސް ކޮމިޝަނުން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީ ގަބޫލު ނުކުރާ ކަމަށާއި އަދި އެކޮމިޓީން ބާއްވާ އިންތިޚާބެއް ގަބޫލު ނުކުރާނެ ކަމަށް ދުނިޔޭގެ ވޮލީގެ މައި އިދާރާ އެފްއައިވީބީ އިން އިއުލާން ކޮށްފައި ވަނިކޮށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ މަގާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލި މުއްދަތު އިއްޔެ އަށް ހަމަވެއްޖެއެވެ.
ސްޕޯޓްސް ކޮމިޝަނުން އެ އެސޯސިއޭޝަން ނޯމަލައިޒް ކޮށް އެކުލަވާލި ކޮމިޓީން އިއުލާން ކޮށްފައިވާ އިންތިޚާބުގައި ކުރިމަތި ލުމަށް އިއުލާން ކޮށްފައިވާ މަގާމް ތަކަކީ ރައީސްގެ އިތުރުން ދެ ނައިބް ރައީސުންނާއި ޚަޒާންދާރު އަދި 5 އެކްސްކޯ މެންބަރުންނެވެ. މަގާމްތަކަށް ކުރިމަތި ލުމުގެ ވަގުތު ހަމަވުމުން މައުލޫމާތު ހޯދުމަށް ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހްމަދު ސަލީމަށް ގުޅާލުމުން ވިދާޅުވީ މަގާމްތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު މާދަމާ ގެޒެޓް ކުރެވޭނެ ކަމަށެވެ. އަދި ކުރިން ނިންމާފައިވާ ގޮތަަށް އިންތިޚާބު 24 އޮކްޓޯބަރ 2019 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
ނޯމަލައިޒޭޝަން ކޮމިޓީއިން އިންތިޚާބް ބާއްވަން ނިންމާފައިވާއިރު އެފްއައިވީބީގެ ޖެނަރަލް ޑައިރެކްޓާ ފަބިއޯ އެޒެވޭޑޯ ސޮއިކޮށް، ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެފްއައިވީބީގެ އަސާސީ ގަވާއިދުގެ 1.6.4 ގެ މާއްދާގެ ދަށުން ދައުރުގެގެ މެދުތެރެއިން އެއްވެސް މެންބަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ ބަދަލު ކުރުމުގެ ބާރު ލިބިފައި ވަނީ ހަމައެކަނި އެ މެންބަރު އެސޯސިއޭޝަންގެ އިތުރުން އެފްއައިވީބީ އަށް ކަމަށެވެ.
މުއުތަބަރު ފަރާތަކުން ބޯޅައެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތި ލައިފައިވަނީ މުހައްމަދު ރިޔާޒްގެ ދައުރުގައި ނައިބް ރައީސެއްގެ މަގާމުގައި ހުރި އިލްޔާސް އަހްމަދު(އިއްލަ)އެވެ. އަދި ދެނައިބް ރައީސުންގެ ގޮތުގައި ކުރިމަތިލައިފައިވަނީ މުހައްމަދު ލަތީފްގެ ނައިބަކަށް މީގެ ކުރިން ހުންނެވި މުހައްމަދު ރަނޭޝް އާއި އެފްއައިވީބީ ރެފްރީ ހަސަން ޝިމާދު އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ ކުރީގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް އެކުލަވާލި ނޯމަލައިޒިން ކޮމިޓީގެ ރައީސް އަކީ އަބްދުﷲ އާމިރު (އައްލޯ) އެވެ. ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އަދި މަރިޔަމް ޖުމާނާ އެވެ.
އެފްއައިވީބީން އެންމެ ފަހުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ އެ އިދާރާގެ އެންގުމާއި ޚިލާފަށް ކަންކަން ކުރަމުން ގެންދާކަމުގައިވާނަމަ ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.
Volleyball