News
ޝެއިޚް ކަމާލް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ޗިޓަގޮން އަތުން ޓީސީ ބަލިވެއްޖެ
20 އޮކްޓޯބަރު 2019
ބަންގްލަދޭޝްގައި އިއްޔެ ފެށި ޝެއިހް ކަމާލް ކްލަބް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުން ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އަތުން 4-1 އިން ބަލިވެއްޖެ އެވެ.
ޗިޓަގޮން އަބަހާނީ އަކީ މި މުބާރާތް އެންމެ ފުރަތަމަ ބޭއްވި ފަހަރު ކަމަށްވާ 2015 ވަނަ އަހަރުގެ ޗެމްޕިއަން ޓީމެވެ. ޓީސީން މި މުބާރާތުގެ ތަށި އުފުލާލީ 2017 ވަނަ އަހަރު އެވެ.
ޗިޓަގޮންގެ އަޒީޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ޗިޓަގޮން އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަދި ޗިޓަގޮން އިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ލަނޑު ޖަހައިފަ އެވެ.
ދެ ވަނަ ހާފްގައި ކުޅެން ނުކުމެ ޓީސީން ކުޅުން ރަނގަޅުކޮށް އެޓޭކް ވަރުގަދަކުރި އެވެ. ޗިޓަގޮންގެ ފަހު ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ މޮންޓެނެގްރޯގެ ފޯވާޑް ލޫކަ ރޮޓްކޮވިޗް އެވެ. ފަހު ހާފްގައި ޗިޓަގޮން އަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. ފަހު ހާފްގައި ޓީސީގެ ކުޅުން ރަނގަޅުކޮށް ޓީސީން ވަނީ ގޯލެއްޖަހައިފައެވެ. ޓީސީގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އީސަ އެވެ. މެޗު ދެ މިނިޓަށް ވެފައިވަނިކޮށް ސާމިރު ނަގައިދިން ހުރަހަކުން އީސަ މި ގޯލު ޖެހީ ބޮލުންނެވެ.
އަށް ޓީމު ވާދަކުރާ މި މުބާރާތުގައި ދެން ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅެން ޖެހޭ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށެވެ. އެ އަށް ފަހު ބުރާސްފަތި ދުވަހު ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ލާއޯސްގެ ޔަންގް އިލެފަންޓާ އެވެ.
TC Sports Club