News
މިހާރު ލީގުގައި ހަމައެކަނި ބައްޔަކާއި ކުރިމަތިލާން ނުޖެހި އޮތް ޓީމަކަށް އީގަލްސް
17 އޮކްޓޯބަރު 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެއްވެސް މެޗަކުން ބަލި ނުވެ އޮތް މާޒިޔާއާއި ކްލަބް އީގަލްސް ރޭ ކުޅުނު މެޗުން މާޒިޔާ ބަލިވެއްޖެއެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުން މާޒިޔާ ބަލިވީ 1-0 އިންނެވެ.
ރޭގެ މެޗަށް ނުކުތްއިރު މި ދެޓީމަކީ ލީގުގައި މިހާތަނަށް ހަމައެކަނި ބަލިނުވެ އޮތް ދެ ޓީމްކަމަށްވާއިރު މާޒިޔާ އަތުން މޮޅުވުމުން ލީގުގައި ބަލިނުވުމުގެ ރެކޯޑް މިހާ އޮތް ހަމައެކަނި ކްލަބަކީ އީގަލްސް އެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު މެޗު ފެށިގެން މާޒިޔާއިން ދިޔައީ އީގަލްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެކަމަކު އީގަލްސް އިން ވަނީ އެޓީމަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި ފުރަތަމަ ހާފުގައި ސެންޓޭގެ ގޯލުން ލީޑު ނަގައިފަ އެވެ. ހިސާމް ސަލީމް (ކޮކީ) ދިން ބޯޅަ ހޯދުމަށް ފަހު އޭރިޔާ ބޭރުގައި ހުރެފައި ވާތުފައިން ސެންޓޭ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ ދެ ވަނަ ހާފުގައި އީގަލްސް އިން މަސައްކަތް ކުރީ ފަހަތުގައި މަޑުކޮށްގެން ލީޑުގައި އޮވެ މެޗު ނިންމާލުމަށެވެ. މި ހާފުގައި މާޒިޔާއިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އީގަލްސް އިން ވަނީ ފުރަތަމަ ބުރުގައި ވެސް މާޒިޔާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ބުރުގައި މި ދެޓީމުގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭގެ މޮޅާއެކު އީގަލްސް ވަނީ 10 މެޗުން 18 ޕޮއިންޓް ހޯދައި ތާވަލުގެ ދެ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. މެޗުން ބަލިވުމުން އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު މާޒިޔާއަށް ވަނީ ގެއްލިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 10 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެވެ. ލީގުގެ ތިން ވަނައިގައި އޮތީ މިއަދު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ އެއްވަރުވި ކްލަބް ގްރީން ސްޓްރީޓްސް އެވެ. އެޓީމަށް 10 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.
ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އާއި ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭނީ އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އާދީއްތަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ނިލަންދޫ އެވެ. ބަންގްލަދޭޝްގައި އޮންނަ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކުޅުމަށް ޓީސީ ސްޕޯޓްސް ކްލަބް އެ ގައުމަށް ފުރާފައިވާތީ ކުރިއަށް އޮތް ދެ ގޭމްވީކްގައި ވެސް އެޓީމުން މެޗެއް ނުކުޅޭނެ އެވެ. ޓީސީގެ އިތުރުން ކުރިއަށް އޮތް މެޗުތަކުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ށ. ފޯކައިދޫން ވެސް މެޗެއް ނުކުޅޭނެ އެވެ.