News

ނިއު ރޭޑިއަންޓް އަށް ޔޫތް މުބާރާތް ކުޅެވޭނެތަ؟

27 ޖެނުއަރީ 2019






ކުޅުންތެރިންގެ މުސާރައިގެ މައްސަލާގައި ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފް.އޭ.އެމް) އިން ރާވާ ހިންގާ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބް ގެ ޒުވާން ޓީމަށް އަންނަ ފެބުރުއަރީ މަހު 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރެވޭނެކަމާއިމެދު ސުވާލުއުފެދިއްޖެއެވެ.

ކުޅުންތެރިންތަކެއްގެ މުސާރާ ހަމަޖައްސައިދީފައިނުވާތީ އެކަމާއި ގުޅިގެން އެކުޅުންތެރިން އެފް.އޭ.އެމް އަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ނިއު ރޭޑިއަންޓްއަށް އެފް.އޭ.އެމް އިން ދީފައިވާ މުއްދަތުގެ ތެރޭގައި އެކުޅުންތެރިންގެ މުސާރައިގެ ކަންކަން ހަމަޖައްސައިދީފައިނުވާތީ އެ ކްލަބް އެފް.އޭ.އެމްއިން ރާވާ ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް މިވަނީ ސަސްޕެންޑްކޮށްފައެވެ. ނިއު ރޭޑިއަންޓް އިން ވަނީ މި ފިޔަވަޅު ބަލައިނުގަނެވޭނެކަމަށް ބުނެފައެވެ.

ސުވާލަކީ، މި އަހަރުގެ ޔޫތް މުބާރާތުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް، ނިއު ރޭޑިއަންޓް އަށް ކުޅެވޭނެ ހެއްޔެވެ؟ މި އަހަރުގެ މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކެކޭ އެއްފަދައިން ނިއު ރޭޑިއަންޓް އިންވެސް އަންނަނީ ބާރު ސްޕީޑްގައި މުބާރާތަށް ތައްޔާރުވަމުންނެވެ. މުބާރާތުގެ ގުރުއަތު ލުމަށް އެފް.އޭ.އެމް އިން ވަނީ މިހާރު ބައިވެރިވާ ނުވަ ޓީމަށްވެސް އަންގާފައެވެ. މުބާރާތުގެ ގުރުއަތުލުން އޮންނާނީ މިއަދު މެންދުރުފަހު އެފް.އޭ.އެމް ހައުސްގައެވެ. ބެލެވޭ ގޮތުގައި އެފް.އޭ.އެމް އިން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށް އެކަން އިޢުލާންކޮށްފައި މިވަނީ ޔޫތް މުބާރާތުގެ ގުރުއަތުލުމަށް ޓީމުތަކަށް އަންގާފައިވަނިކޮށެވެ.

ނިއު ރޭޑިއަންޓް އިން އެކްލަބުގެ މައްޗަށް އަޅާފައިވާ ފިޔަވަޅު ބަލައިނުގަނެވޭނެ ކަމަށް ބުނި ނަމަވެސް އެފް.އޭ.އެމް ނެރުނު ބަޔާނުގައި ދިވެހި ފުޓްބޯޅަ ހިމާޔަތްކޮށް ކުރިއެރުވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެކަމަށްބަނީ ބުނެފައެވެ. އެހެންކަމުން ނިއު ރޭޑިއަންޓް ގެ ޒުވާން ޓީމަށް މިއަދު އޮންނަ ޔޫތް ޗެމްޕިއަންޝިޕް މުބާރާތުގެ ގުރުއަތުލުމުގައި ބައިވެރިނުވެވޭނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އެގޮތަށް އެކަން ވެއްޖެނަމަ މިފަހަރުގެ ޔޫތް މުބާރާތް ކުރިއަށް ދާނީ ޖުމްލަ އަށް ޓީމުގެ މެދެގައެވެ.

ލަފާކުރެވޭ ގޮތުގައި އަށް ޓީމާއި އެކު މުބާރާތް ކުރިއަށް ދާނީ ހަތަރު ޓީމުގެ ދެ ގްރޫޕަށް ބަހާލެވި، ކޮންމެ ގްރޫޕަކުން އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލްއަށް ދަތުރުކޮށް، ސެމީ ފައިނަލްތަކުގެ މޮޅުވާ ދެ ޓީމުގެ މެދުގައި މުބާރާތުގެ ފައިނަލް ކުޅޭ ގޮތަށެވެ.

ފޮޓޯ: ނިއު ރޭޑިއަންޓް ފޭސްބުކް

ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބް އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް

Leave a Comment:

Comments will be published after moderation.