News

މާޒިޔާއާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގްރީން ސްޓްރީޓުން ގެއްލުވައިލައިފި

16 އޮކްޓޯބަރު 2019






ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗް އެއްވަރު ވުމުން، އެއް ވަނައިގައި އޮތް މާޒިޔާއާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގްރީން ސްޓްރީޓްސްއަށް ގެއްލިއްޖެއެވެ. އިއްޔެ ހަވީރު ކުޅުނު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ.

10 މެޗުން ލިބުނު 17 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް މިހާރު އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު ލީގުގައި ކުޅުނު ނުވަ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. 16 ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ގޯލުގެ ތަފާތުން 15 ޕޮއިންޓާއެކު ކްލަބް އީގަލްސްގެ ފަހަތުން ދަ ގްރާންޑޭ އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.

އިއްޔެގެ މެޗު ފެށިގެން ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ ދަ ގްރާނޑޭއިންނެވެ. އެޓީމުގެ މުހައްމަދު ރަޝީދު (ހޮކޭ) ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ބިދޭސީ ގޯލްކީޕަރު އޮލެކްސަންޑަ ޕޮސްލަވްސްކީ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަސް މިނެޓު ފަހުން ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރަށް ވަނީ ބޮލުން ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަރިމަތިން ގާސިމް ސައްމާމް (ސައްމެ) ނަގައިދިން ބޯޅަ އޭރިޔާ ތެރޭގައި ހުރެ އުމެއިރު ބޮލުން ޖެހުމުން ގޯލާ އަމާޒެއްނުވި އެވެ. އެކަމަކު އުމެއިރު ދިން ބޯޅައެއް ހޯދައި ދަ ގްރާންޑޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބޯމަތިން ފޮނުވާލައިގެން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ މެޗުގެ 33 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް ލީޑު ނަގައިދީފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ އަނިޔާގެ ސަބަބުން ކީޕަރު ފައިސަލްގެ ބަދަލުގައި ބަދަލު ގޯލްކީޕަރު އިޔާން އަބްދުލް އަލީމް ކުޅެން އަރުވައިފަ އެވެ. މި ހާފު ފެށިގެން 10 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ އަހުމަދު ނިޒާމް (ނިޒާމްބެ) އަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ނިޒާމްބެ ކަނަށް ފޮނުވާލި ހަމަލާގެ ހުރަހަކަށް ވެސް ވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރެވެ. މެޗުގެ ދެ ވަނަ ހާފުގައި ގްރީން ސްޓްރީޓްސް އިން އިތުރު ގޯލެއް ޖަހަން މަސައްކަތް ކުރިނަމަވެސް ދަ ގްރާންޑޭއިން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަމުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރެފްރީގެ ނިންމުންތަކާއި ގުޅިގެން ދެޓީމުން ވެސް ވަނީ ޝަކުވާކޮށްފަ އެވެ. އަދި، ރެފްރީއާ މުހާތަބު ކުރި ގޮތަކުން 76 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ކެޕްޓަން ހޮކޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައިފަ އެވެ. ހޮކޭއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ އޭގެ ދެ މިނެޓު ކުރިންނެވެ. މެޗުގެ ބާކީ ބައިގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ދަ ގްރާންޑޭއިން ވަނީ ހިތްވަރު އެލުވާނުލައި ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ.

މެޗުގައި ދަ ގްރާންޑޭއިން ނަތީޖާ ހަމަހަމަ ކުރި ޕެނަލްޓީ ލިބުނީ ގްރީން ސްޓްރީޓްސްގެ މުހައްމަދު އާރިފް (ބަކާ)، ދަ ގްރާންޑޭގެ އެންޑިއޫ އަށް އޭރިޔާ ތެރެއިން ކުރި ފައުލަކުންނެވެ. މި ޕެނަލްޓީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ފޯވާޑް ނުކުތް އޮބައިދާ އެވެ. ގޯލު ޖެހުމަށް ފަހު ވެސް މެޗުގެ ބާކީ ބައިގައި ދަ ގްރާންޑޭއިން ވަނީ ގޯލު ޖަހާނެ ދެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަގަނޑޭ އެވެ.

ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އާއި ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭނީ އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އާދީއްތަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ނިލަންދޫ އެވެ. ބަންގްލަދޭޝްގައި އޮންނަ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކުޅުމަށް ޓީސީ ސްޕޯޓްސް ކްލަބް އެ ގައުމަށް ފުރާފައިވާތީ ކުރިއަށް އޮތް ދެ ގޭމްވީކްގައި ވެސް އެޓީމުން މެޗެއް ނުކުޅޭނެ އެވެ. ޓީސީގެ އިތުރުން ކުރިއަށް އޮތް މެޗުތަކުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ށ. ފޯކައިދޫން ވެސް މެޗެއް ނުކުޅޭނެ އެވެ.

 



Leave a Comment:

Comments will be published after moderation.