News
އަނެއްކާވެސް ވިކްޓްރީ ޓީމް ހަމަ ނުވުމުގެ ސަބަބުން މިއަދުގެ މެޗް ކެންސަލް
15 އޮކްޓޯބަރު 2019
ދިވެހި ޕްރިމިއަރ ލީގްގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗް ވިކްޓްރީ ޓީމް ހަމަ ނުވުމުގެ ސަބަބުން މެޗް ކެންސަލް ވެއްޖެއެވެ. މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވަނީ ވިކްޓްރީ އާއި ފޯކައިދޫ އެފްސީއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވިކްޓްރީގެ ޓީމްގައި ތިބީ ބަރާބަރު 12 ކުޅުންތެރިންނެވެ. އޭގެ ތެރެއިން 2 ކުޅުންތެރިން އާއިލީ ސަބަބަކަށްޓަކައި މާލެއިން ބޭރަށް ދާން ޖެހުމުގެ ސަބަބުން މެޗްގެ ވަގުތު ޖެހުނުއިރު ދަނޑަށް ހާޒިރުވީ 9 ކުޅުންތެރިން ކަމަށް ވިކްޓްރީގެ އޮފިޝަލަކު ވަނީ މީޑިއާ އަަށް މައުލޫމާތު ދީފައެވެ.
މީގެ ކުރިންވެސް ޕްރިމިއަރ ލީގްގައި ވިކްޓްރީ ޓީމް ކުޅުންތެރިން ހަމަ ނުވުމުގެ ސަބަބުން ވަނީ މެޗެއް ނުކުޅެ ދޫކޮށްލާފައެވެ. ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓާއި އެކު ކުޅެން އޮތް މެޗަށް ވިކްޓްރީ ޓީމަށް ހަމަ ކުރެވުނީ 2 ގޯލް ކީޕަރުން ހިމަނައިގެން 10 ކުޅުންތެރިންނެވެ.
އޭގެ ފަހުން ވިކްޓްރީ އާއި ނިލަންދޫ ބައްދަލު ކުރި މެޗް ކުޅުނީ 3 ގޯލް ކީޕަރުންގެ ތެރެއިން 2 ގޯލް ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ހިމަނައިގެންނެވެ. އޭރު ވިކްޓްރީ އިން ބުނެފައިވަނީ 19 އަހަރުން ދަށުގެ ޓީމުގައި ވިޓްރީގެ 4 ކުޅުންތެރިން ހިމެނި މުބާރާތަށް ގޮސްފައި ވާތީ ޓީމްގެ ކުޅޫންތެރިން މަދުވީ ކަމަށެވެ.
ނަމަވެސް އިއްޔެ އެފްއޭއެމްގައި ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވިކްޓްރީގެ ކޯޗް ލައްޗޭ ބުނީ ޓީމް ހަމަވާނެކަމަށް އުއްމީދު ކުރާކަމަށެވެ. 19 އަހަރުން ދަށުގެ ކުޅުންތެރިން ވެސް ޓީމާއި ގުޅިފައިވާ ކަމަށާއި ކުރީދުވަހުގެ ހާލަތަށް ވުރެ ގޯސް ނުވާނެކަމަށް ކޯޗް ވަނީ އުއްމީދު ކޮށްފައެވެ.
ގްރީން ސްޓްރީޓާއި އެކު ކުޅެން އޮތް މެޗަށް ޓީމް ހާޒިރު ވެފައި ނުވާތީ އެފްއޭއެމް އިން އެކްލަބު ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. ކްލަބްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ގާތް ގާތުގައި ޖޫރިމަނާ ތަކެއް އަންނަމުން ދިއުމުން ކުރިއަށް ލީގުގެ ބާކީ އޮތްބައިގައި ވިކްޓްރީގެ ޓީމު ފެނިގެން ހިނގައިދާނެކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
DPL2019-20