News
ފ.ނިލަންދޫގައި ވޮލީބޯޅަ ކޯޗިންގ ކޭމްޕެއް ފަށައިފި
15 އޮކްޓޯބަރު 2019
ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ނިލަންދޫ އިޖްތިމާޢީ މަރުކަޒާއި ނިލަންދޫ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ނިލަންދޫ ޔަންގް ޖެނެރޭޝަން ގުޅިގެން ނިލަންދޫގައި ވޮލީކޯޗިންގ ކޭމްޕެއް ފަށައިފިއެވެ.
އޮކްޓޯބަރ 14 އިން 31 އަށް ނިލަންދޫގައި ކުރިޔަށް ގެންދާ ކޭމްޕްގައި 2 ޖިންސްގެ ޒުވާނުންގެ ތެރެއިން 50 ވަރަކަށް ޒުވާނުން ބައިވެރިވާ އިރު މިކޭމްޕްގައި ކޯޗެއް ގޮތުގައި ޙަރަކާތްތެރިވަނީ ޕޮލިސް ކޯޕްރަލް މަޢުމޫރު މުޙައްމަދެވެ. މިކޭމްޕަކީ ޕޮލިސް ކްލަބާއި ޕަބްލިކް އެފެއާރޒް ޑިޕާޓްމަންޓްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދެވޭ ކޭމްޕެކެވެ.
ކޭމްޕް ފެށުމުގެ ގޮތުން 14 ވަނަ ދުވަހު ހަވީރު ނިލަންދޫ ވޮލީ ކޯޓުގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ. މިރަސްމިއްޔާތުގައި ނިލަންދޫ އިޖްތިމާޢީ މަރުކަޒުގެ ޔޫތު އެސޯސިއޭޓް މުޙައްމަދު ޚަލީލުއާއި ނިލަންދޫ ޔަންގް ޖެނެރޭޝަންގެ ނައިބްރައީސް މުރުޝިދު ޢަބްދުއް ރައްޒާޤުއާއި ނިލަންދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވިއެވެ.
ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި މިކޭމްޕަކީ ވޮލީގެ ހުނަރު ދަސްކޮށްދޭ ކޭމްޕެއް ނަމަވެސް ކޭމްޕްގެ މުހިންމު އެއްމަޤްޞަދަކީ ފުލުހުން ރަށްރަށުގައި ކުރިޔަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން މިމުޖުތަމަޢަކީވެސް ކުށްމަދު އަމާން މުޖުތަމަޢަކަށް ހެދުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށް ބައިވެރިން ހޭލުންތެރިކުރުންވެސް ހިމެނެއެވެ.
މީގެ އިތުރުން ނިލަންދޫގައި މިއަދު ތަފާތު ކުށްތައް އިތުރުވަމުންދާތީ ކޭމްޕްގެ އެންމެެހާ ބައިވެރިންވެސް މިމުޖުތަމަޢު ސަލާމަތްކޮށްދީ އަމާން މުޖުތަމަޢަކަށް ހެދުމަށް އެކުއްޖަކަށް ކުރެވުނު މަސައްކަތެއް ކުރުމަށް ބައިވެރިންގެ ކިބައިން އިލްތިމާސް ކުރެއްވިއެވެ. އަދި މިފަހަކަށް އައިސް ނިލަންދޫގައި އިތުރުވަމުންދާ ބައެއް ކުށްތަކުގެ ތަފާސްހިސާބުތައްވެސް ބައިވެރިންނާއި ޝަރަފްވެރިމެހެމާނު ޙިއްސާ ކޮށްލެއްވިއެވެ.
ނިލަންދޫ ޕޮލިސް އިން އިސްނަގައިގެން ކުރިޔަށްގެންދާ މިކޭމްޕްގައި ވޮލީބޯޅައިގެ ޤަވާޢިދު ތަކުގެތެރެއިން ވޮލީކުޅޭ ފަރާތްތަކަށް ކޮންމެހެން އެނގެން ބޭނުންވާ ޤަވާޢިދުތަކަށް ކޭމްޕްގެ ބައިވެރިން އަހުލުވެރިކުރުވުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޭމްޕް ކުރިޔަށްދާ މުއްދަތުގައި ބައިވެރިންގެ ޓީމުވޯރކް ރަނގަޅުކުރުމާއި އަޚުލާޤާއި ސްލޫކު ރަނގަޅު ކުރުމަށްވެސް ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދެވޭނެކަމަށް ކޭމްޕްގެ ކޯޑިނޭޓަރ ޕޮލިސް ސްޓާފް ސާރޖެންޓް ޢަބްދުލް މަޖީދު މޫސާ މަޢުލޫމާތު ދެއްވިއެވެ.
F.Nilandhoo