News
ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގައި ގައުމީ 16 އަހަރާއި 19 އަހަރުން ދަށުގެ ޓީމް ވާދަކުރަނީ
14 އޮކްޓޯބަރު 2019
ނިމިދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިކުރުމަށް ނިންމާ އަދި 16 އަހަރުންދަށުގެ ފުޓުބޯޅަ ޓީމު ތިންވަނަ ޑިވިޝަނުގައި ބައިވެރިކުރުމަށް އެފްއޭއެމް އެގްޒެގެޓިވް ކޮމެޓީން ނިންމައިފިއެވެ.
މި ނިންމުން ނިންމިކަން، ސާފް 18 އަހަރުންދަށުގެ މުބާރާތުން ލޯ މެޑަލް ހޯދި ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފުލާގަ ހާމަކުރައްވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ 19 އަހަރުން ދަށުގެ ޓީމުން ހޯދި ކާމިޔާބަކީ މުސްތަގުބަލުގައި ގިނަ ކާމިޔާބީތަކެއް ހޯދިދާނެކަން ހާމަކޮށްދިން ކަމެއް ކަމަށެވެ.
ޓްވޯޑްސް ފިއުޗާގެ މާނައަކީ އަބަދުވެސް މާދަމާ ކަމަށާއި މާދަމާއިން ފެށިގެން އިތުރު ހަރުފަތަކަށް ދިއުމަށް މަސައްކަތް ފަށަން ޖެހޭކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ބައްސާމް ވިދާޅުވީ ޓީމު ކުރިއަށް ގެންދެވޭނީ ކޮންގޮތަކަށްތޯ ބެލުމަށްފަހު މިއަހަރު އޮންނަ ދެވަނަ ޑިވިޝަން މުބާރާތުގައި ޓީމު ބައިވެރިކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން ދާދިފަހުން ބަންގާޅަށް ފުރި ރާއްޖޭގެ 16 އަހަރުންދަށުގެ ޓީމު މުބާރާތަށްފަހު އައުމުން ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޓީމު ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދެ ޓީމުގައި ވެސް ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭނެތީ އެކަމަށް ވަކި އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.
މީގެކުރިން ގައުމީ ޓީމުތައް މުބާރާތްތަކަށް ފުރަނީ ބައިކޮޅަށް ވަންނަ ގޯލުތައް މަދުކުރުމަށް ކަމަށާއި ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން މިހާރު ކޯޗުންގެ ވިސްނުން ހުރީ މުބާރާތް ކާމިޔާބުކުރުމަށް ކަމަށާއި އެ ވިސްނުން ބަދަލުވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބައްސާމް ވިދާޅުވިއެވެ.
ޓުވޯޑްސް ފިއުޗާގެ ބެނާގެ ދަށުން މާދަމާ މަސައްކަތް ކުރަން ޖެހޭނީ ރިހި މެޑަލް ހޯދުމަށް ކަމަށާއި ކުރިމަގަށް އާ ޖީލެއް ބިނާ ކުރަން މަސައްކަތްކުރާއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމުން ލޯ މެޑަލް ހޯދުމަކީ "ޓުވޯޑްސް ފިއުޗާ" ގެ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިއީ އެ ކާމިޔާބީތަކުގެ ފެށުންކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
AFC U19 CHAMPIONSHIP