News
23 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ފަރިތަކުރުންތައް މިރޭ ފަށަނީ
27 ޖެނުއަރީ 2019
މިއަހަރުގެ މާޗުމަހުގައި ފެށުމަށް ތާވަލު ކުރެވިފައިވާ އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަންގައި ކުޅޭ ދިވެހި ޓީމްގެ ފަރިތަކުރުންތަށް މިރޭ ފަށާނެއެވެ.
ގަލްފުގެ ގަދަބާރުތައް ކަމަށްވާ ސައުދީއާއި ޔޫ.އޭ.އީ އަދި ލުބުނާން ހިމެނޭ ޑީ ގްރޫޕުގައި ރާއްޖެ ލައްވާލާފައިވާއިރު ފަރިތަކުރުންތަށް ފަށާނީ ޤައުމީ ސީނިއަރ ޓީމަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ކޯޗް ޕިޓާ ސެގަރޓްގެ އިރުޝާދުގެ ދަށުންނެވެ. މީގެ އިތުރުން ޤައުމީ ސީނިއަރ ޓީމުގެ އެސިސްޓަންޓް ކޯޗް އަހްމަދު ޝާކިރު (ޝަކިއްޓޭ) ވެސް އޭނާއާ އެކު ހަރަކާތްތެރިވާނެއެވެ. ޔޫތު މުބާރާތުގައި ވިދާލާ ކުޅުންތެރިން 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ނަގާނެ ކަމަށް ބެލެވެއެވެ. މިއީ އެފް.އޭ.އެމްއިން ޔޫތު ޗެމްޕިއަންޝިޕް އަވަހަށް ބާއްވާ އަވަހަށް ނިންމުމަށް މަސައްކަތް ކުރާ އެއް ސަބަބުވެސް މެއެވެ.
ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ސައުދީއާއި ދެކޮޅަށް މާޗްމަހުގެ 22ވަނަ ދުވަހު 23 އަހަރުން ދަށުގެ ދިވެހި ޓީމް ނިކުންނާނެއެވެ. އަދި އެއަށްފަހު ޔޫ.އޭ.އީއާއި ދެކޮޅަށް 24ވަނަ ދުވަހު ކުޅޭނެއެވެ. އަދި 26ވަނަ ދުވަހު ލުބުނާނާއި ދެކޮޅަށް ކޮލިފިކޭޝަންގެ ފަހު މެޗުގައި ވާދަކުރާނެއެވެ. ކޮލިފިކޭޝަނަށް ގުރުލާފައިވަނީ މިދިޔަ 2018ވަނަ އަހަރުގެ ނޮވެމްބަރ 7 ގައި މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭ.އެފް.ސީ ހައުސްގައެވެ. އޭ.އެފް.ސީގެ މެމްބަރު 47 ޤައުމުގެ ތެރައިން ކޮލިފިކޭޝަންގައި ބައިވެރިވަނީ 44 ޓީމެވެ. އެއީ ބައްރުގެ ހުޅަނގު ޒޯނުން 24 ޤައުމާއި އިރުމަތީ ޒޯނުން 20 ޓީމެވެ، ކޮންމެ ގްރޫޕަކަށް 4 ޓީމް ވާނެހެން 11 ގްރޫޕަށް ބަހާލެވިގެން ކުރިއަށްދާ ކޮލިފިކޭޝަންއިން މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި އެންމެ މަތިން ޕޮއިންޓް ހޯދާ ގްރޫޕުގެ ދެވަނަ މަގާމުގައި ނިންމާލާ 4 ޓީމެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލޭންޑެވެ.
މުބާރާތް ބޭއްވޭނީ ތައިލޭންޑުގައެވެ. އެހެންކަމުން ތައިލޭންޑަށް މުބާރާތުގެ ޖާގައެއް ކޮލިފައިން ނުކުޅެ ޔަގީންވާނެއެވެ. ނަމަވެސް ތައިލޭންޑް ކޮލިފައިން ކުޅުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ތައިލޭންޑް އިންނަ ގްރޫޕުން އެއްވަނައަށް ނުވަތަ އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ 4 ޓީމް ތެރޭގައި ތައިލޭންޑް ހިމެނިއްޖެނަމަ 5 ވަނައަށް އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ ޓީމް މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނެއެވެ.
މިމުބާރާތުން ރަނގަޅު ހިސާބަކަށް ދެވުމަކީ ދިވެހިންގެ ތެރޭގައި ފުޓުބޯޅައަށް އޮތް ލޯބި އަލުން ދިރުވުމަށް ލިބޭނެ ވަރަށް ބޮދު ހިތްވަރެކެވެ. "ބޯޅަ" އިން އެދެނީ ދިވެހި ޓީމަށް ކާމިޔާބީއެވެ.
ފޮޓޯ: އެފް.އޭ.އެމް
2020 AFC U-23 Championship Qualification FAM FAM U-21 Youth Championship Maldives National Team