News
ވީ.އޭ.އެމްގެ އިންތިހާބު މިމަހު 24 ގައި ބާއްވަނީ
9 އޮކްޓޯބަރު 2019
ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބު މިމަހުގެ 24 ވަނަ ދުވަހު ބާއްވާނެ ކަމަށް އެ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީ އިން ބުނެފި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީ އިން އަލުން އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ވޭތުވި 3 އަހަރު އިންޑޯ ވޮލީބޯލް މުބާރާތްތަކުގައި ބައިވެރިވި، ވޯޓްލެވޭނެކަމަށް ނޯމަލައިޒޭޝަން ކޮމިޓީ އިން ކަނޑަ އަޅާފައިވާ ޓީމްތަކާއި އެކު ބޭއްވި އެކްސްޓްރާ އޯޑިނަރީ އަށްފަހުއެވެ.
މި ބައްދަލުވުމަށް ފާއިތުވި 4 އަހަރުގެ ތެރެއިން 3 އަހަރު ރާއްޖޭގައި ބޭއްވި އިންޑޯ ވޮލީބޯޅަ މުބާރާތްތަކުގައި ބައިވެރިވި 8 ކުލަބަކަށް ދައުވަތު ދީފައި ވާއިރު މި ބައްދަލު ވުމުގައި ބައިވެރިވެފައިވަނީ 6 ކުލަބަކުންނެވެ. މިބައްދަލުވުމުގައި ބައިވެރިވި ކުލަބް ތަކަކީ ޕޮލިސް ކުލަބް، ގުޑީސް ސްޕޯޓްސް ކުލަބް، ކުލަބް ހާފްލައިން، ލިންކޭޖް ސްޕޯޓްސް ކުލަބް ސިޓީ، ޔޫތު ނިއު ޖެނެރޭޝަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް އެވެ. އަދި ބައިވެރިވެފައި ނުުވަނީ ސިފައިންގެ ކުލަބާއި ސްޕޯޓްސް ކުލަބް ހޯކްސް އެވެ.
މި ބައްދަލު ވުމުގައި ހިންގާ ކޮމެޓީގެ އަސާސީ ގަވައިދުތަކަށް ކުލަބުތަކުން އިސްލާހު ހުށައެޅުމާއި އިޞްލާހުތައް ފާސް ކުރުން ކުރިއަށް ގެންގޮސްފައިވާކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެ އެވެ.
ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ގޯސްތަކެއް ހަދާފައިވާ ކަމަށްބުނެ ކުޅިވަރު ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ސްޕޯޓްސް ކޮމިޝަން އިން ވަނީ އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމުގައި ހުރި މުހައްމަދު ލަތީފް އެމަގާމުން ދުރުކޮށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައި އެތަނުގައި ނުގަވައިދުން ކޮށްފައިވާ ކަންކަން ރަނގަޅުކޮށް އައު އިންތިޚާބެއް ބާއްވައި ދިނުމަށް އެދިފައެވެ.
މިކަން މިހެން އޮއްވައި ދުނިއޭގެ ވޮލީބޯޅަ އިދާރާ އެފްއައިވީބީ އިން ވަނީ ވޮލީބޯޅަ އެސޯސިއޭޝަން ކުރީގެ އެކްސްކޯ އާއި ހަވާލުކުރުމަށް އޮލިމްޕިކް ކޮމިޓީއަށާއި ނޯމަލައިޒޭޝަން ކޮމިޓީއަށް އަންގާފައެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެކަމަށް އެފްއައިވީބީއިން ރާއްޖެއަށް ފޮނޮވި ސިޓީގައި ވަނީ އިންޒާރު ދީފައެވެ.
އަންގާރަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި މިމަހުގެ 24 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައިވާއިރު މިބައްދަލުވުން ހުއްޓުވައި ދިނުމަށް ވޮލީބޯޅަ އެސޯސިއޭޝަަނުގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވަނީ އޮލިމްޕިކް ކޮމިޓީގައި އެދިފައެވެ.
Volleyball