News
ވީ.އޭ.އެމްގެ އެކްސްޓްރާ އޯޑިނަރީ 8 ފުރިހަމަ މެންބަރު ކްލަބާއިއެކު މާދަމާ ރޭ ބާއްވަނީ
7 އޮކްޓޯބަރު 2019
ހަމަނުޖެހުން ބޮޑުވެފައިވާ ވޮލީބޯޅަ އެސޯސިއޭޝަން (ވީ.އޭ.އެމް)ގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން ނިންމާފައިވާ ކަމަށް އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ގަވައިދުގެ ބައެއް މާއްދާތަކަށް މިހާރުގެ ނޯމަލައިޒޭޝަން ކޮމިޓީއިން ގެނެސްފައިވާ އިސްލާހުތަކަށް ވޯޓަށް އެހޭނެކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރި ވެވެނީ ވީއޭއެމްގެ ފުރިހަމަ މެންބަރުންނަށް އެކަނި ކަމަށްވެސް އާމިރު ވިދާޅުވިއެވެ. މިހާރު އިއުލާން ކުރެވިފައިވާ ގޮތުން ވީއޭއެމްގެ ފުރިހަމަ މެންބަރުގެ ގޮތުގައި ވަނީ 8 ކްލަބެއް ކަނޑައަޅައި އިއުލާން ކޮށްފައެވެ.
ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ގޯސްތަކެއް ހަދާފައިވާ ކަމަށްބުނެ ކުޅިވަރު ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ސްޕޯޓްސް ކޮމިޝަން އިން ވަނީ އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމުގައި ހުރި މުހައްމަދު ލަތީފް އެމަގާމުން ދުރުކޮށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައި އެތަނުގައި ނުގަވައިދުން ކޮށްފައިވާ ކަންކަން ރަނގަޅުކޮށް އައު އިންތިޚާބެއް ބާއްވައި ދިނުމަށް އެދިފައެވެ.
މިކަން މިހެން އޮއްވައި ދުނިއޭގެ ވޮލީބޯޅަ އިދާރާ އެފްއައިވީބީ އިން ވަނީ ވޮލީބޯޅަ އެސޯސިއޭޝަން ކުރީގެ އެކްސްކޯ އާއި ހަވާލުކުރުމަށް އޮލިމްޕިކް ކޮމިޓީއަށާއި ނޯމަލައިޒޭޝަން ކޮމިޓީއަށް އަންގާފައެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެކަމަށް އެފްއައިވީބީއިން ރާއްޖެއަށް ފޮނޮވި ސިޓީގައި ވަނީ އިންޒާރު ދީފައެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކޮށްލުމުން އާމިރު ވިދާޅުވީ އެސީޓީގައިވާ ބައެއްކަން ކަން އެފްއައިވީބީ އަށް ސާފުނުވެ އޮތްކަމަށް އެބޭފުޅުންނަށް ގަބޫލު ކުރެވޭތީ އެފްއައިވީބީއަށް އެބޭފުޅުން ސިޓީ އެއް މިހާރު ފޮނުވާފައިވާނެކަމަށެވެ. އަދި އެސިޓީގެ ޖަވާބު ލިބުމުން ދެން ކުރިޔަށްގެންދާނެ ގޮތް ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އިން އަންގާނެ ކަމަށެވެ.
މާދަމާރޭ ބާއްވާ އެކްސްޓްރާ އޯޑިނަރީ އިން ވީއޭއެމްގެ އައު ގަވާއިދު ފާސްކުރުމާއި އަދި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅިގެން ދާނެކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު ވިދާޅުވިއެވެ.
Volleyball