News
ރާއްޖޭގައި މުޅިން އަލަށް ގާއިމުކުރާ ސްޕޯޓްސް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
7 އޮކްޓޯބަރު 2019
ފީފާގެ ސްޓޭންޑަޑަށް ހަދާ ސްޕޯޓްސް ރިހެބިލިޓޭޝަން ސެންޓަރާއި، އެފްއޭއެމްގެ އޮފީސް އިމާރާތް އަދި ޓާފް ބޮޑު ދަނޑުގެ ބިންގާ މިއަދު އަޅައިފި އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބިންގާ އަޅުއްވައިދެއްވި މި ދެ މަޝްރޫއަކީ، ފީފާގެ ފޯވަޑް ޕްރޮގްރާމްގެ އެހީގައި އިމާރާތް ކުރާ ދެތަނެވެ. ތިން ފަންގިފިލާ ހިމެނޭ ގޮތަށް އިމާރާތް ކުރާ އޮފީހުގައި ކުޅުންތެރިންގެ ނިއުޓިރިޝަން އާއި ޑައިޓް ޕްރޮގްރާމަށް ފެތޭގޮތަށް ހުޅުވާ ކެފިޓީރިއާއެއްވެސް މި އޮފީހުގައި ހިމެނޭނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. މީގެ އިތުރުން ފުޓްބޯޅަ ސަމާނު ވިއްކާ ސްޕޯޓްސް ވެއާ ފިހާރައަކާއި ޖިމެއްވެސް އޮފީސް އިމާރާތާ އެކު ހިމެނޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް، ވިދާޅުވީ ކުޅުމުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ އަނިޔާއިން ރިކަވާ ވުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ގެންދެވޭނެ މާހައުލެއް ނެތުމަކީ ކުޅުންތެރިންނާއި ކުލަބުތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އޮފީސް އިމާރާތާއި ޓާފް ދަނޑު އިމާރާތް ކުރަނީ، އެފްއޭއެމްގެ މިހާރުގެ ދެ ޓާފް ދަނޑު އޮންނަ ސަރަހައްދުގެ ދެކުނުުން، ކަޅުތުއްކަލާ ކޮށީ އިރުމަތިން އޮންނަ ހުސް ބިމުގަ އެވެ. މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ، ޓިބަރޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.
ފީފާގެ ފޯވަޑް ޕްރޮގްރާމަކީ ކުރިން ފީފާއިން ގެންދިޔަ ގޯލް ޕްރޮޖެކްޓް ހުއްޓާލުމަށް ފަހު، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓިނޯގެ ދައުރުގެ ފުރަތަމަ އަހަރުގައި ތައާރަފް ކުރި ޕްރޮޖެކްޓެކެވެ.
ބައްސާމް ވިދާޅުވީ 11 ސައިޑް ފުޓްބޯޅައަށް ޓީމުތައް ތައްޔާރު ކުރުމަށް މިހާރު އޮތް ވަސީލަތަކީ އެކަށީގެންވާ ވަސީލަތްތަކެއް ނޫން ކަމަށެވެ. އަލަށް ހަދާ ޓާފް ދަނޑު ސަރަހައްދުގައި 150 ހާ މީހުންނަށް ކުޅިބަލަން ތިބެވޭ ގޮތަށް ސަޕޯޓަރުންގެ ސްޓޭންޑެއްވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ތެރޭ 100 ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި މަޝްރޫއުތައް ހަވާލު ކުރެވި މިހާރު ވަނީ އަމަލީ މަސައްކަތް ފެށުމާ ހަމައިގައެވެ.
ރާއްޖޭގެ ޒުވާން ޓީމުތަކުން ހޯދަމުންދާ ކުރިއެރުން ފާހަގަ ކުރަމުން މިނިސްޓަރު ވިދާޅުވީ މިހާރަށް ވުރެ ރަނގަޅަށް ރޭވުންތެރި ކަމާއެކު ކުރެވިއްޖެނަމަ އެ ޓީމުތަކަށް ކާމިޔާބު ހޯދޭ ވަރުގެ ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.