News
ޓީސީ ސްޕޯޓްސް ކްލަބު މިހާރު އޮތް ހާލަތުން އަރައި ނުގަނެވޭނަމަ އަންނަ އަހަރު ލީގުން ނުފެނިދާނެ: ޑޭވް
4 އޮކްޓޯބަރު 2019
މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކުޅުމަށްފަހު ޓީސީ ސްޕޯޓްސް ކުލަބު މިހާރު އޮތް ހާލަތުން އަރައި ނުގަނެވިއްޖެނަމަ އަންނަ އަހަރު ލީގުގައި ނުފެނުން ގާތް ކަމަށް އެޓީމު ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާ ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ވީޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމަވަމުން ވިދާޅުވީ މިވަގުތު ކުލަބުން ކުރަމުންދާ މަސައްކަތަކީ ދަރަނި އަދާކުރުމުގެ މަސައްކަތް ކަމަށެވެ. "ޓީސީން ވިސްނާފައި އޮތީ ޓީސީގެ ދަރަނި އަދާކުރުމަށްފަހު އިތުރު މަގެއް ނުފެނިއްޖެނަމަ ޓީސީ ހުއްޓާލަން. އަނެއްކާވެސް ކުރިން ހެން ބައިބަލާ ކުޅޭނީ، އެއީ މިވަގުތު ޓީސީގެ ހާލަތަކީ،" މީގެ ތިން އަހަރު ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީމުގެ އިސް ހިންގުންތެރިޔާ ވިދާޅުވި އެވެ.
އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑޭވް ވިދާޅުވީ އެސްއޯއީގެ ދަށުން ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ކޮންމެ އަހަރަކު ކުލަބުތަކަށް ދެމުން އައި ތިން މިލިއަން ރުފިޔާ މިހާރު ނުލިބުމަކީ ކްލަބުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުންކަމަށެވެ. އެފައިސާ ނުދިން ކަމުގައި ވިޔަސް ކްލަބްތަކަށް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކޮންމެވެސް މަގެއް ހޯދޭނެ އިތުރު މަގެއް ސަރުކާރުން ހޯއްދަވައި ދެއްވުމަކީ ކްލަބުތަކުގެ އާދޭހެއްކަމަށް ޑޭވް ވިދާޅުވިއެވެ.
ޕީ އެސްއެމް ނޫހުގައި " މި އަހަރަށްފަހު ޓީސީ އުވާލަނީ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކާއި ގުޅިގެން ޓީސީގެ ބަހެއް ހޯދާލުމަށް ޓީސީގެ ރައީސް އަހްމަދު އައްބާސް(އައްބު) އާއި ބޯޅައެމްވީ އިން ގުޅާލުމުން ވިދާޅުވީ ޑޭވް އެމާނަ ކުރީ ޓީމް މިހާރު އޮތް ހާލަތުކަމަށެވެ. " މީގެ ކުރިން އަޅުގަނޑުމެން ޓީމް ތައްޔާރު ކުރަމުން އައީ ކޮންމެ މުބާރާތެއްގަ ވެސް ސީދާ ތައްޓަށް. އެހެންކަމުން މޮޅެތި އަގުބޮޑު ކުޅުންތެރިން ޓީމަށް ގެންނަން. އެކަމަކު މިހާރު މިއޮތް ހާލަތުން އަންނައަހަރު ވަރަށް އުނދަގޫވާނެ ލީގުގައި ހިފަހައްޓާލަން" އައްބު ވިދާޅުވިއެވެ.
ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީގެ ކޯޗުކަމުގެ މަގާމުން ދާދި ފަހުން މުހައްމަދު އާތިފް (އާތީ) ވަނީ އިސްތިޢުފާ ދީފައެވެ. އާތީ އިސްތިއުފާ ދޭން ކްލަބަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނަށް ދިމާވެފައިވާ ކަންތައްތަކާ ހެދި އެ ކުޅުންތެރިންގެ ކުޅުމަށް އަސަރު ކުރަމުން އަންނާތީ އެ ކަމަށް ހައްލެއް ހޯދުމަށް ކްލަބްގެ ސީނިއާ މެނޭޖުމެންޓާ ވާހަކަ ދައްކައިގެން ވެސް އެކަމަށް ރަނގަޅު މަގެއް ފެނިފައިނުވާ ކަމަށެވެ.
މުސާރައިގެ މައްސަލަތައް ދިމާވެ ޓީސީ އެންމެ ފަހުން ކުޅުނު މެޗްގައި އެޓީމުގެ އެއްނަންބަރު ގޯލް ކޯޕަރ އިމްރާން މުހައްމަދު ބައިވެރިވެފައެއް ނުވެއެވެ. ޓީސީން އިން ވަނީ އެ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ކްލަބް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދީފައެވެ. ޓީސީގެ އިތުރުން އެހެން ކްލަބްތަކުގެ ހާލަތުވެސް އޮތީހަމަ މިފަދަ ހާލަތެއްގައެވެ.